2023 ގެ ރިޔާސީ އިންތިހާބުގައި ކެމްޕެއިނުގައި ފެނިގެން ދިޔަ ހުސް ގޮނޑިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕާޓީގެ ލީޑާޝިޕް ކުރި އިހުތިރާމްކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ މިރޭ ބޭއްވި ޕާޓީގެ ހަރުގެ ޖަލްސާގައި ޝުޖާއު ވަނީ، ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޔާމީން ސަރުކާރަށް އަމާޒު ކުރާ އެކި ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ. ޝުޖާއު ވިދާޅުވީ އޭރު އޮތް ޕީޕީއެމާއި، ޕީއެންސީ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް ހުރިހާ މަސައްކަތެއް ކުރީ ދޭން ޖެހޭ ހުރިހާ އިހުތިރާމެއް ދީގެން ކަމަށެވެ. އަދި އެމަނިކުފާނު ދެއްވި އިރުޝާދަކާއި ހިލާފަށް ނުވަތަ އެމަނިކުފާނުގެ ވިސްނުމާއި ދެކޮޅަށް އެއްވެސް ގޮތަކަށް ޕާޓީގެ އެތެރޭގެ ހިންގުން ކުރިޔަށް ގެންގޮސްފައި ނުވާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ބޭނުން ކުރި ”ހުސް ގޮނޑި“ އަކީ ޝުޖާއު ވިދާޅުވި ގޮތުގައި ކޮންގްރެސް ކޯލިޝަނުން ރައީސް ޔާމީނަށް ދިން އިއްޒަތާއި ޝަރަފެވެ. އަދި އެއީ ލީޑާޝިޕްގެ މެދުގައި ކުރި މަޝްވަރާތަކުގެ ދަށުން އައި ނިންމުމެއްކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީން އޭރު ހުންނަވަން ޖެހުނީ ޖަލުގައިކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު އެކުގައި ހުންނެވިކަމާއި ތާއީދު ކުރައްވާކަން އިހުސާސް ކުރުވުމަށް އެ ގޮނޑި ބެހެއްޓީ އެއީ އެމަނިކުފާނަށް ލިބިގެންވާ ހައްގު އިއްޒަތަކަށް ވާތީކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމާއި، ޑެޕިއުޓީ މޭޔަރަކު ކަނޑައެޅުމުގައި ހިޔާލުތަފާތުވުމެއް އައިކަމަށް ރައީސް ޔާމީން ދާދިފަހުން ވިދާވެފައި ވާތީ އެކަން ހިނގައިދިޔަ ގޮތް ވެސް ޝުޖާއު ސާފުކޮށް ދެއްވި އެވެ. އެގޮތުން ވިދާޅުވީ ޑެޕިއުޓީ މޭޔަރަކަށް އަބްދުﷲ ނާސިރު (ހެރިންސް އައްޅޯ) ގެ ނަން ރައީސް ހުށަހެޅުއްވުމުން އެކަމަށް ރަައީސް ޔާމީން ދެކޮޅު ހެއްދެވި ކަމަށެވެ. އަދި އެހެން އެގޮތަށް އެކަން ނުކުރެވޭނެކަމަށް ބުނެ، މިހާރުގެ ޔޫތް މިނިސްޓަރ ގެ އެޑްވައިޒަރ އަހްމަދު ނަރީޝްގެ ނަން ރައީސް ޔާމީން ހުށަހެޅުއްވިކަމަށް ޝުޖާއު ވިދާޅުވި އެވެ.
އަޅުގަނޑުމެންނެއް ނޫން ގޭތޯ އަޅުގަނޑުމެން އާދެ.. އެ މަނިކުފާނަށް ދެއްވި އިއްޒަތް އެއީ ހުސްގޮނޑި އެއީ އަޅުގަނޑުމެން ލީޑަރޝިޕުން ނިންމި ނިންމުމެއް.. އަޅުގަނޑުމެންގެ ލީޑަރޝިޕުން ނިންމީ ރައީސް ޔާމީން އަނިޔާވެރިކަން މަތީގައި ޖަލުގައި އޮތީމާ އެމަނިކުފާނަށް ޖެހޭނީ އެ މަނިކުފާނަށް ޢިއްޒަތަށް ޓަކައި ގޮނޑި ބައިދަން އެއީ އަޅުގަނޑުމެން ނިންމި ނިންމުމެއް އިނގޭތޯ.. ޕާޓީގައި ރައީސް ޔާމީން އެދިވަޑައިގެންނެވި ހުރިހާ ކަމެއް އަޅުގަނޑުމެން ލީޑަރޝިޕުން ކޮށްފައި އޮންނާނީ… އޭގެ ހެއްކެއް ރޭގައި ވެސް އެ ވިދާޅުވީނޫންތޯ މާލޭގެ މޭޔަރުކަން ރައީސް މުއިއްޒަށް ލިބިވަޑައިގަތީ.. ރައީސް މުއިއްޒަށް ލިބިވަޑައިގަތީމާ އެ މަނިކުފާނު ބޭނުންފުޅުވިއޭ އެ މަނިކުފާނުގެ ޑެޕިއުޓީ މޭޔަރުކަށް ހައްދަވަން މިނިސްޓަރ އައްޅޯ.. ތިމަން މަނިކުފާނު ދެންނެވީމޭ އެހެނެއް ނުވާނޭ.. ދެން ލީޑަރުން ބުންޏޭ ކޮންމެވެސް އެހެން މީހަކަށް.. ދެން އެހެނެއް ނުވާނޭ، އެންމެ ފަހުން ތިމަންނަ ޗޫޒްކުރެއްވީއޭ ނަރީޝް ޑެޕިއުޓީ މޭރަށް ތިބޭފުޅުން އާންމު މެންބަރުން ވިސްނަވާ އަޅުގަނޑުމެންގެ ލީޑަރޝިޕް އެމަނިކުފާނަށް ކިޔަމަންތެރިވި މިންވަރު.. ކިޔަމަންތެރިވި މިންވަރު…
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އޭރު ވަޑައިގަތީ ނަރީޝް ނޫންތޯ ސުވާލު ކުރައްވައި ޝުޖާއު ވިދާޅުވީ އޭގެއިން ވެސް އެނގެނީ ރައީސް ޔާމީނަށް ލީޑާޝިޕް ކުރި އިހުތިރާމް ކަމަށެވެ. އަދި ރައީސް ޔާމީންގެ ބަހާއި ދެކޮޅަށް ރައީސް މުއިއްޒު މަސައްކަތް ނުކުރައްވާކަން އެކަމުން ވެސް އެނގިގެންދާކަމަށް ޝުޖާއު ވިދާޅުވި އެވެ.
މީގެއިތުރުން ޝުޖާއު ވިދާޅުވީ 2023 ގައި ޕްލޭން އޭ، ޕްލޭން ބީ، ޕްލޭން ސީއެއްގެ ވާހަކަ ދެއްކެވީ ރައީސް ޔާމީން ކަމަށެވެ. އަދި ލީޑާޝިޕް އޭރު އޮތީ ވޯޓު ކަރުދާހުން ރައީސް ޔާމީން ދެއްކެވި ނަމަކަށް ވެސް ވޯޓު ދޭން ތައްޔާރަށްކަމުގައި ޝުޖާއު ވިދާޅުވި އެވެ.
މިއަދު ހުރިހާ މަސައްކަތަކަށް ފަހު އެބޭފުޅުން ގޯސްވާންވީ ގޮތެއް ނުވިސްނޭކަމަށް ޝުޖާއު ވިދާޅުވި އެވެ.

