މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފިއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މިމަހު 16 ވަނަ ދުވަހު ފަށާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.
”ހުޅުމާލެ އަވައްޓެރި ފުލުހުން“ ކުރިއަށް ގެންދާ މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާއާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދެމުންދާނެކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ފުލުހުން މައުލޫމާތު ދިން ގޮތުގައި ދުވެލި މަޑުކުރުމަށާއި، ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެންވެސް މައުލޫމާތު ހިއްސާކުރަމުންދާނެއެވެ. މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލުކަމެއް ދަނީ ލިބެމުންކަމަށް ފުލުހުން ބުންޏެވެ.

