ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖުގެ ކޮންސަލްޓެންސީ އެއްބަސްވުން ބާތިލުކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: މިނިސްޓަރ

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލޭ ބްރިޖުގައި އެފްކޮންސްއިން ކުރަމުން ދިޔަ މަސައްކަތްތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭތޯ ޔަގީން ކުރުމާއި، ބްރިޖުގެ ކޮލިޓީއަށް ޔަގީންކަން ދެމުން ދިޔަ މިނިވަން ކޮންސަލްޓަންޓު އެމްއެސް އަރޫފް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރިކަމަށް ދެކެވޭ ވާހަކަތައް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ދޮގު ކުރައްވައިފިއެވެ.

ތިލަމާލެ ބްރިޖުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން އަރޫފް ކުންފުންޏާ އެކީ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވާތީ މަސައްކަތާއި ވަޒީފާ ނިމުމަކަށް އައިސްފައިވާކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުންނަށް ނޯޓިސް ފޮނުވާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް ހަދާ 6.7 ކިލޯ މީޓަރުގެ ބުރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ”ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް“ އަކީ މިދިޔަ ސަރުކާރުން ފެށި އެންމެ ބޮޑު އެއް މަޝްރޫއެވެ. މިއީ މާލޭ ސަރަހައްދުގައި ހަދާ ދެވަނަ ބުރިޖެވެ. މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫފް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެކެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެގައުމުގެ ސަރުކާރުން ވަނީ ރުހުން ދީފައެވެ.

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖް މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވަޒީރު ޑރ އަބްދުﷲ މުއްތަލިބު  ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންވާ ތަނބުތައް ޖެހުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި، މިއީ މި މުޅި މަޝްރޫއުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށެވެ. އެގޮތުން ޖުމުލަ 263 ތަނބު ޖަހާފައިވާއިރު، އޭގެ ތެރޭގައި އެއްގަމާއި ކަނޑުގެ ސަރަޙައްދު ހިމެނޭހެން 68 ސަރަޙައްދެއްގައި ޖަހާފައިވާ ތަނބުތައް ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ކާމިޔާބީއާއެކު، ބްރިޖު މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

މި މަޝްރޫއު ފަންޑުކުރަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލޯނު އެހީންނެވެ. އަދި އިތުރު 15 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ވަނީ ފަހުން ދީފައެވެ.

ގާތްގަނޑަކަށް 6.695 ކިލޯމީޓަރުގެ ދިގުމިނުގައި އެޅުމަށް ހަމަޖެހިފައިވާ މި ބްރިޖްގެ މަސައްކަތް އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހުއެވެ. މި ބްރިޖްގައި ތިން ނެވިގޭޝަން ބްރިޖް ހިމެނޭއިރު، އޭގެ ކޮންމެ ބްރިޖެއްގެ ދިގުމިނަކީ 140 މީޓަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު އަވަސްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ޓީމަކުން ވަނީ މަޝްރޫއުގެ މަސައްކަތް ބެލުމަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި މަޝްރޫއު އަވަސްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ތިލަމާލެ ބްރިޖްގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ބެލެވެނީ 2026 ވަނަ އަހަރުގައެވެ. މަޝްރޫއުގެ މަސައްކަތް ލަސްވަމުންދާތީ، މަސައްކަތް އަވަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: