ރައީސް ޑރ މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާރލްސް އާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ގޮތުން ކިންގް ޗާރލްސްވަނީ ރައީސް ޑރ މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވާފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ވިންޑްސާރ ކާސަލްގައިކަން ހާމަކޮށްފައިވެއެވެ.
ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ މުއިއްޒު އަދި ކިންގް ޗާރލްސްވަނީ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެއާއި އިނގިރޭސިވިލާތު ދެމެދު ހާރިޖީ ގުޅުން ބަދަހިކުރިތާ 60 އަހަރު ފުރުމަށް މަދު ދުވަސްތަކަކަށް ވެފައިވަނިކޮށެވެ.

