ބ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވާގޮތުން އިންޓަރގްރޭޓެޑް ނޭޝަނަލް ފެރީ ނެޓްވޯކްގެ ދަށުން ބ އަތޮޅުގައި ރަސްމީގޮތުން އާރްޓީއެލްގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އެހެންކަމުން އަހުލުވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.
މި ދަތުރުތަކަށްފަހު އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓު ނަގައިގެންކަމަށް ބުނެފައިވާއިރު އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން ވެބްސައިޓާއި މޯބައިލް އެޕު މެދުވެރިކޮށް ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. އަދި މިހާރުވެސް ޒޯން ދެއެއްގައި ހިމެނޭ އެހެނިހެން އަތޮޅުތަކުގައި ހިދުމަތް ދެމުންދާއިރު ބ އަތޮޅުގައި ފެށުމާއިއެކު 2 ވަނަ ޒޯންގެ ހުރިހާ އަތޮޅަކަށް ހިދުމަތް ލިބިގެންދާނެކަމަށާއި ކުރިއަށް އޮތްތަނުގައި ހުރިހާ އަތޮޅެއް ގުޅާލުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށެވެ.

