ރާއްޖެއާއި އިންޑިއާގެ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާކުރަމުންދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތް ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއާއި އިންޑިއާ ގުޅިގެން ކޮށްފައިވާ ތަރައްގީގެ ދަތުރުގެ ކާމިޔާބުތަކުގެ މައްޗަށް ބޮޑުވަޒީރު މޯދީއާއި މަޝްވަރާކުރެއްވުނުކަމަށާއި ކުރިމަގެއް ބިނާކުރުމަށް ކަންތައްތަކެއް ރޭވިފައިވާކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކެއް ގާއިމުކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއް ހިމެނޭކަމަށާއި އޭގެ ބޭނުން ހިފައިގެން މި ސަރުކާރުން ރާވާފައިވާ މުހިންމު މަޝްރޫޢޫތަކެއް ހިންގުމަށް ކަނޑައެޅިފައިވާކަމަށެވެ.
މިގޮތުން ދިފާއީ ކަންކަމުގެ އިތުރުން ތައުލީމާއި ބޯހިޔާވަހިކަން ލިއްބައިދިނުމަށްވެސް ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކުރެވިގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ.
ރާއްޖެއާއި އިންޑިއާގެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާތައް ކުރިއަށްދާކަންވެސް ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ އެއްބަސްވުން ގާއިމުކުރެވިގެންދިއުމާއިއެކު ދެ ގައުމުގެ ދެމެދު އޮތް އިގްތިސާދީ ގުޅުމުގެ ތެރެއިން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެގެންދިޔަ އިގްތިސާދާއި މާލީ ދަތިތަކުން އަރައިގަތުމުގައި އިންޑިއާއިން އަދާކޮށްފައިވާ މުހިންމު ދައުރު ބަލައިގަންނަކަމަށާއި މިގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމެއްގެ އިތުރުން އިންޓްރެސްޓު އިތުރު ނުވާ ގޮތަށް ރާއްޖެއިން ނަގާފައިވާ ލޯނެއް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކޮށްދިނުން ހިމެނޭކަމަށް މައުލޫމާތު ދެއްވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް މުހިންމު ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމަކީވެސް ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގެ ތެރެއިން މުހިންމު ބައެއް ކަމަށެވެ. އަދި މިއަދު އިންޑިއާގެ އެލްއޯސީގެ ތެރެއިން ފަންޑުކޮށްފައިވާ މުހިންމު ތަރައްގީގެ މަޝްރޫއުތަކެއްވެސް ނިންމައި ރައްޔިތުންނާއި ހިސާބަށް ވާސިލުކޮށްދެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އައްޑޫ ސިޓީގެ މަގުތައް ތަރައްގީކުރުން ހިމެނޭއިރު ކްރެޑިޓް ލައިނުގެ ދަށުން މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ މަޝްރޫޢުތާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގްރޭޓާރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު ނިމުނުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ނިޝާނަކަށް ވެގެންދާނެކަމަށެވެ. ބައެއް އެހެނިހެން މަޝްރޫޢުތައްވެސް އިފްތިތާހުކުރުމަށް ކަނޑައެޅިފައިވާކަން ހާމަކުރެއްވިއިރު އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން 72 އުޅަނދެއް ހަދިޔާކޮށްފައިވުމުން ޝުކުރު އަދާކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ، 4000 ހައުސިންގް މަޝްރޫޢުގެ ތެރޭގައި ބާކީ ހުރި 3300 ހަވާލުކޮށްފައިވުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއެރުންތަކެއް ލިބިގެންދާކަމަށެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގެ އެންމެ އިސް ބައިވެރިޔާގެ ގޮތުގައި އިންޑިއާއިން ކޮށްދޭ ހިދުމަތްތަކާއި ވެދީފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ.
އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު މާކެޓެއްކަންވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ދާއިރާގެ ތެރެއިން މަސަައްކަތްތައް ހަރުދަނާކޮށް ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް ބޮޑުވަޒީރު މޯދީއާއި މަޝްވަރާކުރެވިފައިވާކަމަށާއި ރާއްޖެއާއި އިންޑިއާގެ ދެމެދު ދަތުރުފަތުރު ހަރުދަނާކުރުމުގެ ގޮތުން ޑައިރެކްޓް ފްލައިޓުތައް އިންތިޒާމުކުރުމާއި ގުޅޭގޮތުންވެސް މަޝްވާރާކުރެއްވިކަމަށެވެ.
ރައީސް ވިދާޅުވީ، ތިމާވެށީގެ ދާއިރާ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޓެކްނިކަލް ސަޕޯޓު ހޯދުމާއި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށެވެ. އަދި ވޭސްޓް މެނޭޖުމެންޓާއި ދިރުންތައް ރައްކައުތެރިކުރުމުގެ ދާއިރާގެ އިތުރުން އީޔާދަނިކުރަނިވި ހަކަތައިގެ ދާއިރާއާއި އެހެނިހެން ދާއިރާތައްވެސް ހިމެނޭކަމަށް ހިއްސާކުރެއްވިއެވެ.

