ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.
މި ލަގަބު އަރުވާފައިވަނީ މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، މ. ގުލްފާމްއަށް މި ލަގަބު އަރުވާފައިވަނީ ޝަރުއީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ކޮށްދެއްވި މުހިންމު މަސައްކަތުގެ ސަބަބުންނެވެ. މުއުތަސިމްއަކީ އެންމެ ދިގު މުއްދަތަކަށް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅާވެސްމެއެވެ. އެމަނިކުފާނު އެ މަގާމާއި ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ޑިސެންބަރު 8 ގައެވެ.
އެ މަގާމުން މުއުތަސިން ރިޓަޔާކުރައްވާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ކުރިން މުއުތަސިމް ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.
އޭނާ ވަނީ އިނގިރޭސި ވިލާތުގެ ގްލަސްގޯ ޔުނިވަސިޓީން ޓްރާންސް ނޭޝަނަލް ކޮމާޝަލް ލޯއިން މާސްޓާސް އޮފް ފިލޯސަފީ ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސި ވިލާތުގެ ބަކިންހަމް ޔުނިވަސިޓީން، ބެޗްރަލާ އޮފް ލޯ ވަނީ ހާސިލުކުރައްވާފައެވެ.

