ކޯޓުތަކުން ބަލަހައްޓާ އެކިއެކި ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމުން، ކޯޓުތަކުންކުރާ މަސައްކަތްތައް އަވަސްވެ، ކޯޓުތަކުގެ ޖާގަ ތަނަވަސްވާނެކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.
ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމްޖަދު ވިދާޅުވީ، ކުރިން މި ދެ ކޯޓު ހިންގަމުންދިޔަ އިމާރާތަކީ ވަރަށް ދުވަސްވެފައިވާ ބައު އިމާރާތެއް ކަމަށާއި، އޭގެ ސަބަބުން ކޯޓުގެ ޝަރީޢަތްތަކަށް ބުރޫއަރައި، މުވައްޒަފުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އަމްޖަދު ފާހަގަކުރެއްވި ގޮތުގައި މާލޭގައި ހިންގާ ސުޕީރިއަރ ކޯޓުތަކާއި މަތީ މަރުޙަލާތަކުގެ ކޯޓުތަކުގެ އިތުރުން ރަށްރަށުގައި ހިންގާ މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ޖާގައިގެ ދަތިކަން ވަނީ ދިމާވެފައެވެ. ”10 މެޖިސްޓްރޭޓް ކޯޓެއް ހިންގަމުންދަނީ ގެއެއް ކުއްޔަށް ހިފައިގެން. 53 މެޖިސްޓްރޭޓް ކޯޓު ހިންގަމުންދަނީ ކައުންސިލް އިދާރާތަކުގެ އިމާރާތުގެ ތެރޭގައި،“ އަމްޖަދު ވިދާޅުވިއެވެ.
ކޯޓުތަކުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ޝަރުޢީ އަދި އިދާރީ ލިޔުންތަކާއި ކުށާއި ދަރަނީގެ ރިކޯޑުތައް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އަމްޖަދު ފާހަގަކުރެއްވިއެވެ. މިކަން ކުރެވިއްޖެނަމަ ކޯޓުތަކުގެ ޖާގަ އިތުރަށް ތަނަވަސްވެ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން އަންނަ ކަމަށް އަމްޖަދު ފާހަގަކުރެއްވިއެވެ. މިގޮތުން ސުޕްރީމް ކޯޓަށް ބިން ހަމަޖައްސައިދީ، ކޯޓު ކޮމްޕްލެކްސްއެއް ހެދުމުގެ މަސައްކަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައު ޖަސްޓިސް ބިލްޑިންގ އެނެކްސްގައި 15 ކޯޓު ރޫމާއި، 17 ފަނޑިޔާރު ކޮޓަރިކޮޅާއި ފަނޑިޔާރުންނަށް ޚާއްސަ ބިއުރޯއެއް ޤާއިމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

