ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސްރީލަންކާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުން މިއަދު ސޮއިކުރި އެއްބަސްވުމަކީ ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ސޮއިކުރި ޓްރީޓީއެވެ. އެ ޓްރީޓީއަކީ 2011 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ސޮއިކުރަން މަސައްކަތް ކުރަމުން އައި ޓްރީޓީއެކެވެ.
އެ ޓްރިޓީގެ ދަށުން ދެ ގައުމުގެ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދިނުމަށް ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގުމާއި ބެހޭ ކަންތައްތަކުގައި ދެ ގައުމުން އެއްބާރުލުން ދޭނެއެވެ. އެ ޓްރިޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދާނީ އެ ގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީންނެވެ.
މީގެ އިތުރުން ދިވެހި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާ ދެމެދު އެމްއޯޔޫއެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުސަތު ލިބި، އެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ގައުމުގެ ދެމެދުގައި ހިއްސާ ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޑިސަނާޔަކަ މިއަދު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު މިއަދު މެންދުރު ޑިސާނަކަޔަ މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި 21 ބަޑީގެ ސަލާމަކާއެކު ގާޑް އޮފް އޮނާއެއް ވަނީ އަރުވައިފައެވެ.

