ލ. މާވަށުގައި ތޫނު އެއްޗަކުން ހަމާލީ، މީހާކު މަރާލި މައްސަލައިގައި ހަމަލާދޭން ބޭނުންކުރި ކަމަށް ބެލޭ ހަތިޔާރު ފުލުހުން ހޯދައިފިއެވެ.
ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާ ދީ، 29 އަހަރުގެ ޒުވާނަކު މަރާލައިފި އެވެ. އެގޮތުން، ހަމަލާގައި މަރުވީ އެރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29 އ.) އެވެ.
އެނގިފައިވާ ގޮތުން ހަމަލާ ދިން މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި ރަށުގެ ބައެއް މީހުންނަށް ވެސް އޭނާ މޫސާ އިބްރާހީމަށް ހަމަލާ ދިންތަން ފެނިފައި ވެއެވެ.
މީގެއިތުރުން، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މޫސާ އިބްރާހިމް މާވަށު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، މި މައްސަލައިގެ ތަހުގީގަށް އިތުރު ހޯދުންތަކެއް ފުލުހުންނަށް ވަނީ ލިބަފައެވެ. އެގޮތުން، މިކަމާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައިވާގޮތުން، ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލި މައްސަލައިގައި ހަމަލާ ދިނުމުގައި ބޭނުން ކުރި ކަމަށް ބެލެެވޭ ވަޅި، ފުލުހުންގެ ޓީމަކުން މޯދަށް ފީނައިގެން ވަނީ ހޯދައިފައިކަމަށެވެ.
މީގެއިތުރުން، މި މައްސަލައާއި ގުޅިގެން، ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތަކީ، މަސްތުވާތަކެތީގެ ރިކޯޑެއް އޮތް ފަރާތެއްކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

