ފަލަސްތީނުގެ ސުލްޙައާ ގުޅޭ މުހިއްމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ބަދަލުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލަށް މުހިއްމުވީ ލަންކާ ރައީސަށް ދެއްވާ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުންކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެފަދައިން ވިދާޅުވީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ޚަލީލް ވަނީ ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭ ހައިލެވެލް ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިއީ ރާއްޖެއިން ފަލަސްތީނާ އެކު އަބަދުވެސް އޮތްކަން ދޭހަކޮށްދޭކަމެއްކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ،
މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙައާއި ހަމަޖެހުމާއި އަދުލު އިންޞާފު ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން ރަމްޒުކޮށްދޭކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވުމަކީ އުއްމީދީ ކަމެއް ކަމަށެވެ. އަދި އެކަން ޙާސިލުވެއްޖެނަމަ މެދުއިރުމަތީގައި ސުލްޙަ ޤާއިމުވެ، ދުނިޔޭގެ ސުލްޙައަށްވެސް ހެޔޮ އަސަރު ކުރާނެކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް އެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ސީދާ މިނިސްޓަރު ބައިވެރިވެވަޑައިނުގެންނެވިކަމީ ލަދުވެތިކަމެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ، އެފަދަ މުހިއްމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ބަދަލުގައި މިނިސްޓަރަށް މުހިއްމުވީ ލަންކާ ރައީސަށް ދެއްވާ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުން ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއިން ފަލަސްތީނާއެކު އަބަދުވެސް އޮތްކަން ދައްކުވައިދިނުމަށް ކުރެވޭ މަސައްކަތާއި އެކަމަށް ދޭ އަހައްމިއްޔަތުކަން މިނިސްޓަރުގެ އެ އަމަލުފުޅުގެ ސަބަބުން ކުޑަވެގެން ގޮސްފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ބައްދަލުވުމުގައި އެންމެ ކުޑަމިނުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ޤައުމުގެ ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންނެވުން މުހިއްމު ކަމަށެވެ.
2 ދުވަހަށް، ނިއު ޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކީ ”ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން“ގެ ބައްދަލުވުމެވެ.
ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދުއެވެ. އަދި މި ކޮންފަރެންސް ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން އެ މަނިކުފާނު ތަޤުރީރުކުރައްވާނެއެވެ.
މި ކޮންފަރަންސް ބާއްވަނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، ”ޕީސް ފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން“ ގެ ދަށުންނެވެ. ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާ އިން ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީއަލް ބައްދަލުވުމުގައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

