އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި ޙާދިސާގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑިއެވެ.
މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ، ހާދިސާ ހިނގ ރޭ 21:30 ހާއިރު، ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ.
އެ ޒުވާބުގެ ތެރެއިން، ހައެއްކަ އިންޗީގެ ވަޅިއެއް ބޭނުންކޮށްގެން ކައްކާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި ކަމަށް ދައުވާގައި ބުނެ އެވެ.
މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި ލަންކާގެ ގިނަ ރައްޔިތުން ތިބިއިރު، އޭގެ ތެރެއިން ބައެއް ހެކިން ވަނީ ރާއްޖެއިން ފުރާފައެވެ. އަދި އެމީހުންގެ ހެކިބަސް ނެގިފައިނުވާތީ ދައުލަތުން ވަނީ އެމީހުން ތަހުގީގަށް ދީފައިވާ ބަޔާނަށް ރިއާޔަތްކޮށްދިނުމަށް އެދިފައެވެ. އަދި ޖަޔަލަތު ކުރިން ދިން އިއުތިރާފު ބަޔާނަށް ރިއާޔަތްކޮށްދިނުމަށްވެސް އެދުނެވެ.
އެހެންނަމަވެސް ދިފާއުން ވަނީ މި މައްސަލައިގައި ބައެއް ހެކިވެރިން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކާއި، ތަހުގީގު ރިޕޯޓުތަކުގައި ހުރި ވާހަކަތައް ފުށުއަރާ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގެ ޙާދިސާއާ ގުޅޭ އަމަލު ހިންގީ އެތަނުގައި ތިބި އެހެން ބަޔަކަށްވުން އެކަށީގެންވާކަމަށް ދިފާއުން ބުނެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އިބްރާހިމް އިޙްސާންއެވެ. ގާޒީ ވިދާޅުވީ، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހެއްގައި ކުށަށް އެއްބަސްވާ ކަމަށް ބުނާއިރު، އެ ބައްދަލުވުމުގެ އޯޑިއޯ އަދި ވީޑިއޯ ރެކޯޑިންވެސް އެހާ ސާފެއް ނޫން ކަމަށާއި، ތަރުޖަމާނަށްވެސް ރަނގަޅަށް ދިވެހި ބަސް ފަހުމު ނުވާކަން ރެކޯޑިން އިން ފާހަގަވި ކަމަށެވެ.
ކަން އެހެން އޮތުމާއެކު، ޖަޔަލަތު ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ކަމެއް ނޫނީ ނަފުސުގެ ދިފާއުގައި ކަމެއް ނިންމޭކަށް ނެތްކަމަށް ބަޔާން ކުރެއްވިއެވެ. އަދި ދައުލަތުން އެދިފައިވާ ގޮތަށް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅެން ނެތްކަމަށް ގާޒީ ނިންމެވިއެވެ.

