ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާ ފުޅާދާއިރާއެއްގައި ކުރަމުން ގެންދާކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.
ނާސިހު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ބޭއްވި ”އަހަރު މެދު މުރާޖާ 2025“ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ނާސިލް ވަނީ ކުރެވޭ މަސައްކަތްތައް މުރާޖާކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުންވެސް މި ރަސްމިއްޔާތުގައި ވާހަކަދައްކަވާފައެވެ. ކުރެވޭ މަސައްކަތްތައް މުރާޖާކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ފާހަގަކޮށް ނާސިހު ވިދާޅުސެކްޝަން ނުވަތަ ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް، ރިވިޔުކުރުމަކީވެސް ވަރަށް ބޭނުންތެރިކަމެއްކަމަށް ނާސިހު ވިދާޅުވިއެވެ. އަދި ރާވާ ކަންކަން ހާސިލްނުކުރެވުނު ސަބަބުތައް ދެނެގަތުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް ފާހގަކުރެއްވިއެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަކީ މުޅިން އަލަށް އުފެއްދެވި މިނިސްޓްރީއަކަށް ވިޔަސް ވަރަށް އަވަސް މުއްދަތެއްދަތެއްގައި މި މިނިސްޓްރީ އަންނަނީ ކާމިޔާބުކަމާއެކީ ހިނގަމުން. ރަށްރަށުގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްތަކެއް މި މިނިސްޓްރީން އަންނަނީ ކޮށްދެއްވަމުން.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ މި އަހަރު ބޮޑު ކުރައްވާނެކަމަށް ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަވާކަމަށް މީގެ ކުރީގައިވެސް ނާސިހު ވިދާޅުވިއެވެ. ނާސިހު ވިދާޅުވީ، ޑިއުޓީގައި ކުރަންޖެހޭ މަސައްކަތްތަކަށް ސިވިލް ސާވަންޓުން އިސްކަންދޭން ޖެހޭކަމަށެވެ. އޭގެ ތެރޭގައި ވީހާވެސް ގިނައިން އޮފީހުގައި ވަގުތު ހޭދަކުރުން މުހިންމުކަމަށާއި، ރަސްމީ ގަޑީގައި މަސައްކަތް ނުކޮށް، އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައި ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ކުރުން އެހާ ރަނގަޅު ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާދާއިރާއެއްގައި ކަމާ ގުޅޭ މުއައްސަސާތަކާ އެކު ކުރައްވަމުން ގެންދަވާކަމަށް ނާސިހު ވިދާޅުވިއިރު، ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ސިވިލް ސާވިސްގައި މި ވަގުތު 30،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، މިދިޔަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާއެވެ.

