ސުކޫކުގެ އަގު މައްޗަށް ދިޔުމަކީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުވާކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވުމުގެ ވާޙަކައާއި ޑޮލަރު އަގު މައްޗަށް ދިއުމުގެ ވާހަކަ އެމްޑީޕީން ދައްކަމުން ދާއިރު ރައްޔިތުންނާއި ކަންކަމުގައި ބައްދަލުކުރަންޖެހެނީ ކޮންބަޔަކު ކުރި ކަންތައްތަކެއްގެ ސަބަބުންކަން އެމީހުންނަށް އެނގޭނެ ކަމަށެވެ. މެމްބަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި 8.8 ބިލިއަން ރުފިޔާ ޗާޕުކޮށް އިގްތިސޯދުގެ ތެރެއަށް ދޫކޮށްލި ކަމަށެވެ.
އެކަމާއި ގުޅިގެން ގައުމަށް ގެއްލުންތަކެއް ވި ކަމަށާއި މި ރާއްޖެއަކީ އެއްކޮށް ކަހަލަގޮތަކަށް ބޭރުގެ ގައުމުތަކަށް ބަރޮސާވާ ގައުމެއް ކަމަށް މަމްދޫހު ވިދާޅުވިއެވެ. އޭގެ ސަބަބުން ބޭރުގެ އެއްޗެހި ގަތުމަށް ޑޮލަރު ހޯދުމަށް އިންތިހާއަށް ދަތިވަމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ. ހަމައެވަގުތު ޖީއެސްޓީ އިތުރު ކުރުމުން ތަކެތީގެ އަގު ބޮޑުކުރަން ވިޔަފާރިވެރިންނަށް މަޖުބޫރުވި ކަމަށެވެ.
”އޭރު އެމްޑީޕީގެ ސަރުކާރުގައި ހިންގި ދޯހަޅި ސިޔާސަތުތަކާއި އެކީގައި ހަގީގަތުގައި މުޅި އިގްތިސާދު ފުނޑު ފުނޑު ވެގެން ދިޔައީ. މުޅީ އިގްތިސޯދު ފުނޑު ފުނޑުވެގެން ދިޔައިރު އާއްމުންނަށް މުޅި ސަރުކާރުން ކުރި ހުރިހާ ގޯހެއްގެ ބުރަ ފުރޮޅިގެން ދިޔައީ“
މަމްދޫހު ވިދާޅުވީ އެކަންކަމުން އަރައިގަންނަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރރައްޔިތުން ވެރިކަން ހަވާލުކުރީ ކަމަށެވެ. މިއާއިއެކު ރާއްޖެގެ އިގްތިސޯދު ރަނގަޅުވާ ކަމަށާއި ސުކޫކުގެ އަގު މައްޗަށް ދިޔުމަކީ އެކަމުގެ ހެއްކެއްކަމަށް މަމްދޫހު ވިދާޅުވިއެވެ.
މީގއިތުރަށް ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް ދެ ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް އިތުރު ސިނާއަތްތަކެއް ވުޖޫދުކޮށް އުފަން ކުރުވައިގެން އެކަންކަން ތަރައްގީކުރަން މިސަރުކާރުން މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށެވެ.

