ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލިކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ދޮގުކޮށްފި އެވެ.
ފްލެޓު ލިބޭ މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އެފްޑީސީ ފެށީ ޖުލައި 21 ގައެވެ. އަދި އެއަށް ފަހު މިނިވަން ދުވަހާއި ގުޅިގެން އައި ސަރުކާރުގެ ބަންދު ދުވަސްތަކަށް ފަހު، އަނެއްކާވެސް އަލުން އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ.
ފްލެޓު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެންގި ބައެއް ފަރާތްތަކަށް، ސޮއި ކުރުން މަޑުޖައްސާލިކަމަށް އެންގިކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މައްސަލައިގައި އާންމު ކުރި ބަޔާނެއްގައި އެފްޑީސީ ބުނީ، ފްލެޓު އެއްބަސްވުމުގައި ސޮއި ކުރުން މަޑުޖައްސާލިކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ސައްހަ ވާހަކައެއް ނޫން ކަމަށެވެ. އެފްޑީސީ ބުނީ އެ ކޯޕަރޭޝަނުން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓު މަޝްރޫއުގެ ސޮއި ކުރުމުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިޔަށް ދާކަމަށެވެ. އަދި މި މަސައްކަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރުގެ 16:00 އާއި ހަމައަށް ކުރިޔަށް ދާނެކަމަށް ވަނީ ބުނެފަ އެވެ.
އެފްޑީސީ ބުނި ގޮތުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލާފައި ވަނީ ކޮންސްޓަރަކްޝަން، ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތީން ކަމަށެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އަންގަމުންދާކަމަށް ބުންޏެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް އެ ކޯޕަރޭޝަނުން 232 އެއްބަސްވުމެއްގައި ސޮއިކޮށް ނިންމާލާފައިވާއިރު، މަސައްކަތް އިތުރަށް ހަލުވިކޮށް ދުވާލެއްގެ މައްޗަށް ޕްރޮސެސް ކުރެވޭ އެއްބަސްވުންތަކުގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފްޑީސީ ވަނީ ބުނެފަ އެވެ.

