ލާމަރުކަޒީ ގާނޫނު ބަދަލުކުރުމާއި ދެކޮޅަށް ތެދުވެ ވަކާލާތުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ކައުންސިލުތަކަށް ގޮވާލައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކަށް މުރާޖައާ ކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ބިލެއް ހުށަހަޅާފަ އެވެ.
މި ބިލުގައި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރެ އެވެ.
އިސްލާހަށް ދެކޮޅު ހައްދަވައި ފައްޔާޒް ވިދާޅުވީ، މި ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ ރަށްތަކުގެ ކަންކަން ނިންމުމުގެ ބާރުވެރިކަން ސަރުކާރުގެ އަތް މައްޗަށް ނެގުމަށް ހުށައަޅާފައިވާ ބިލެއްކަމަށެވެ.
ފައްޔާޒް ވިދާޅުވީ، މައި ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމުގެ މާލީ މިނިވަންކަން ކައުންސިލުތަކަށް އޮންނަންޖެހޭކަމަށެވެ. އަދި މިހާރު އޮތް ބިލުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލުތަކަށް މަޖުބޫރުވާނެކަމަށާއި ރައްޔިތުންގެ ބާރުވެރިކަން ނައްތާލުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ތެދުވެ ވަކާލާތުކުރުމަށް ކައުންސިލުތަށް ގޮވާލައްވާކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްތަކާއި އަތޮޅުތަކާއި ސިޓީތައް ހިންގުންކަމަށެވެ. އަދި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދަނުކުރެވޭނެކަމަށާއި އެކަމަށް ޖާގަ ދެވެންވެސް ނެތްކަމަށެވެ.

