ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އަހަރެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުގެ ދަށުން ނޫނީ ކުރިޔަށް ނުގެންދެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ހުށަހަޅުއްވާފައިވާ މި ބިލު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މާދަމާގެ ޖަލްސާއަށް ފުރަތަމަ ކިއުން އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
މި ބިލު ހުށަހެޅުމުގެ ސަބަބެއްކަމަށް އިސްލާހުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކަށް މުރާޖައާ ކުރުމަށެވެ. އަދި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރުމަށެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުންނާއި، ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކާ ގުޅޭ ހަމަތަކެކެވެ. އެގޮތުން ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ އެ ކައުންސިލެއް ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ވެގެން ނުވާނެކަމަށް ބިލުގައި ވެއެވެ. އަދި އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައި ވުމާއި އެކު، ކައުންސިލްތަކުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކުރެއެވެ.
ބިލުގައިވާ ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން، ބިލުގައި ބަޔާން ކުރާ ހަމަތަކާއި ތައާރުޒުވާ އެފަދަ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ، އެ އިސްލާހަށް އަމަލުކުރަންފަށާތާ 90 ދުވަސް (ތިން މަސްދުވަސް) ތެރޭގައި އެފަދަ ވިޔަފާރި ހުއްޓާލަން ޖެހޭނެ އެވެ.
ބިލުގައި ބުނެފައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ ކަމަށެވެ. އަދި ކައުންސިލްތަކަށް ދޫކުރާ އާމްދަނީއާ ބެހޭ ގޮތުން، އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ދޫކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ. އަދި އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ އެވެ.
މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުގެ ދަށުން ނޫނީ ބައެއް ކަންކަން ފުރިހަމަކޮށްގެން ނުވާނެކަމަށް ވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
- ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން
- ކައުންސިލްތަކުން އެކަހަށައެޅިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
ލާމަރުކަޒީ ގާނޫނަށް މި އިސްލާހުތައް ހުށަހަޅާފައި ވަނީ، ނިޒާމަށް ބަދަލު ގެނައުމަށްޓަކައި ނިންމައި އެކަމުގެ މަޝްވަރާތައް ކުރިޔަށްދާ ވަގުތެއްގަ އެވެ. އަދި ލާމާރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް، އިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވާ ގަރާރެއްގެ މަސައްކަތް މަޖިލިސް ތަޅުމުގައި ކުރިޔަށް ދަނިކޮށެވެ.

