ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުކަޒީ ވިސްމުމެއްގައި ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުން، ނިކުންނާނީ ހިތި ނަތީޖާއެއް: ރައީސް ސޯލިހު

ސަންގު ބަހުސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވަނިކޮށް މަރުކަޒީ ވިސްނުމުގައި ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހެނީ ދިވެހި ރައްޔިތުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެނެސް، ކައުންސިލްތައް ރިފޯމް ކުރުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނިޒާމު ހަރަދު ބޮޑުކަމަށް ފާހަގަކޮށް، ކައުންސިލް މެމްބަރުންގެ އަދަދާއި ބްލޮކް ގްރާންޓާއި ގުޅުވައި ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލީހުގައި ދަނީ ކުރިޔަށެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، ސަރުކާރުން އިސްލާހުތަކެއް ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ މާލީ ހަރަދުތަކާއި ގުޅުވަ އެވެ. އޭގެ ތެރޭގައި ކައުންސިލްގެ ދައުރު ނިމެން އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮއްވައި ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުގެ ދަށުން ނޫނީ ބައެއް މަސައްކަތްތައް ކުރިޔަށް ނުގެންދިއުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން ހުއްޓުވުމާއި، ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން އަދި ކައުންސިލްތަކުން އެކަހަށައެޅިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.

ބިލުގައިވާ ގޮތުން ކައުންސިލް ދާއިރާތަކުގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ލިބުނު ނަމަވެސް، އެކަމަށް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ކައުންސިލްތަކުގެ ބޭންކު އެކައުންޓު ހިންގާނީ ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށްކަމަށް ބަޔާންކޮށް ވަނީ، މިނިސްޓްރީން އެދޭ ހާލަތެއްގައި އެކައުންޓު ސްޓޭޓްމަންޓް ދޭން ހިމަނާފަ އެވެ.

އިސްލާހަށް ދެކޮޅު ހައްދަވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ފެހި ޤާނޫނު އަސާސީއިން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުން ކަމަށެވެ. އަދި ވިދާޅުވީ އެކި ވެރިކަމުގައި ލާމަރުކަޒީ ނިޒާމުގެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ، 2019 ގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ރަށެއްގެ އިހުތިސާސް މިހާރު ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުސޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުންނެވެ. އޭގެ ސަބަބުން ކައުންސިލްތައް ފުދުންތެރި ބަޔަކަށްވެ، ކުރިއަރަމުންދާކަމަށް ވިދާޅުވި އެވެ.

2019 ވަނައަހަރު ގެނެވުނު އިޞްލާޙްތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް. މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙްތައް އަނބުރާ ގެނދިއުމަށް ގޮވާލަން.

އެމްޑީޕީގެ ވެރިކަމުގައި އޭރު ގެނައި އިސްލާހުތަކަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އޭގެ ހެޔޮ ބަދަލުތައް ފެންނަން ފަށާފައިވަނިކޮށް މަރުކަޒީ ވިސްނުމުގައި ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހޭނީ ރައްޔިތުން ކަމަށެވެ. ރައްޔިތުންނަށް ލިބޭނެ ގެއްލުމަށް ވިސްނައި، ގައުމު އިސްކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ރައީސް ސޯލިހު ގޮވާލެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: