ދިވެހި ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދެފުށްފެންނަ ގޮތެއްގައި ހޯދުމަށް މަސައްކަތް ކުރަން ޖެހިފައިވާއިރު، އެމްޑީޕީގެ ސަރުކާރުގައި އެއްވެސް ބެލުމެއް ނެތި ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާގެ ފީއެއް މައާފުކޮށްދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކާއި ޖިނާއީ އަދަބުތައް ދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް، ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ވަނީ ދީފައެވެ. އަދި އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާއާއި، ޓެކްސް އަދި ފީތައް ފަސްކޮށް އޭރު މައާފު ދިނުމަށް 9 ބިލިއަން ރުފިޔާގެ ލުއި ދީފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ރިސޯޓުތަކުން ދައްކަން ޖެހޭ ކުލި ވެސް އެކި ބަހަނާތަކާއެކު ފަސްކޮށްދީފައިވާއިރު، މިކަންކަން ކުރިޔަށް ގެންގޮސްފައި ވަނީ ދެފުށް ފެންނަ ގޮތެއްގެ ތެރެއިން ނޫންކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން، ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަދު ބައެއް ތިބެގެން، އެބޭފުޅުންގެ މަސްލަހަތު ހިމެނޭ ގޮތަށް މައާފު ދިނުމާއި، ފައިސާ ދެއްކުން ފަސްކޮށްދީ ހެދިކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވި ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ ފައިސާ، މިހާރު ވެސް ދައުލަތަށް ނުލިބި އެބައޮތެވެ.
ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި މަދު ބޭފުޅުންކޮޅެއް.. އެބޭފުޅުންގެ މަސްލަހަތު ހިމެނޭ ގޮތަށް މައާފު ދިނުމާއި، ލަސްކޮށްދިނުމާއި މި ކަންތައްތައް ކުރީ.. މިހާރު ވެސް ހަމަ މިގޮތަށް ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ ފައިސާ، ލަސްކުރުމުގެ ސަބަބުން ދައުލަތަށް ނުލިބި އެބައޮތް..
ނާޒިމް ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅާފައި އޮތް އިސްލާހުގެ ސަބަބުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދެފުށްފެންނަ ގޮތެއްގެ މަތީން މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެ އޮތޯރިޓީއަށް މަގުފަހިވެގެން ދާނެއެވެ.
މީގެއިތުރުން، ނާޒިމް ވަނީ މާލީ ބަޔާން ހުށަހެޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، މުވައްސަސާތަކާއި ކުންފުނިތަކުގެ ވެރިން މަގާމުތަކަށް އައުމަށް ފަހު ފެންނަ ކުއްލި މުއްސަނދި ދިރިއުޅުމަށް އިޝާރާތް ކުރައްވާފައެވެ. ބައެއް ފަރާތްތަކުން އެ މުއްސަނދިކަން ފަށަލަކޮށް، އާއިލާގެ މީހުންގެ މައްޗަށް ވެސް އެ މުއްސަނދި ދިރިއުޅުން ފަތުރާތަން ފެންނަކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތަށް ގިނަ ފަހަރަށް ފަށަލަ ކުރަނީ، ކުރާ ކުށް އޮޅުވާލައި، އަސްލު ގެއްލުވާލުމުގެ ނިޔަތުގައި ނަމަވެސް ބައެއް މީހުންގެ އާއިލާތަކަށް ވެސް އަންނަ ކުއްލި ބަދަލުތައް ފާހަގަކުރެވޭކަމަށް ނާޒުމް ވިދާޅުވި އެވެ.
އެހެންކަމުން މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ހުށަހަޅަން ޖެހޭ މާލީ ބަޔާނާއި އެކު، ކުރިއެރުންތައް ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގައި މިހާރު މަސައްކަތް ކުރިޔަށްދާ މި އިސްލާހުގައި، ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ޓެކްސް ބަޔާން ހުށަނަޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަން ޖެހޭ ޓެކްސްގެ މިންވަރު ބިނާކުރުމުގެ އިހުތިޔާރު މީރާއަށް ލިބިދިނުމަށް ވަނީ ހިމަނާފައެވެ. އަދި އެކަމާއި ބެހޭ އުސޫލުތައް ގާނޫނުގައި ހިމަނައި، ގާނޫނުގެ ދަށުން މީރާއަށް ހިންގާ އޮޑިޓުތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ބާރުތައް މުރާޖައާކޮށް، ޓެކުހާއި ގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހު ކުރުމުގެ އިތުރުން ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒު ކުރުން ހަރުދަނާ ކުރުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅާފައެވެ.
މި ބިލުގައި ބުނެފައިވާ ގޮތުން، އެނގިހުރެ ގަސްދުގައި ރެކުމުގެ ނިޔަތުގައި ނުވަތަ އެގޮތަށް ކުރުމަށް ޓެކްސް ދައްކަން ޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި ބަޔާން ހުށަނޭޅުން ނުވަތަ މައުލޫމާތާއި ލިޔެކިއުން ފުރިހަމަ ނުކުރުމަކީ ކުށެކެވެ. މީގެއިތުރުން، ޓެކްސް ބަޔާން ހުށަހަޅާއިރު، އޭގައި ހިމަނަން ޖެހޭ ޓެކްސް ނެގޭ އާމްދަނީ ނުވަތަ ޓެކްސް ނެގޭ ފައިދާ ނުވަތަ އަދަދު ކަނޑައެޅޭ އާމްދަނީއާއި ފައިދާ ނުހިމެނުމަކީ ވެސް ކުށެކެވެ. އަދި ބަޔާން ހުށަހަޅާއިރު ދޮގު މައުލޫމާތެއް ހިމަނާފައި ހުރުމަކީ ނުވަތަ ދޮގު މައުލޫމާތެއް ހިމެނުމަށް ހުއްދަ ދިނުމަކީ ވެސް ކުށެކެވެ.
ޓެކްސްއާއި ގުޅިގެން ބަލަހައްޓަން ޖެހޭ ލިޔެކިއުންތައް ގޯސްކޮށް އެކުލަވާލުން ނުވަތަ ބަލަހައްޓަން ޖެހޭ މިންވަރަށް ބަލަހައްޓައި ރައްކާކޮށްފައި ނެތް ނަމަވެސް ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

