މުއައްސަސާތަކުގެ ހިންގުމަށް ސަރުކާރުގެ ނުފޫޒު ވަންނަގޮތަށް އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، ރާއްޖޭގައި އުފެދިފައިވާ މުއައްސަސާތަކުގެ ތެރެއިން ފަހުގެ ތާރީޚެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ އެއް މުއައްސަސާއަކީ މީރާކަމަށެވެ. އަދި ވިދާޅުވީ، ޤާނޫނުގައި ލިޔެފައިވާ ގޮތާއި ރާއްޖޭގައި ކަން ހިނގާ ގޮތް ބައެއް ފަހަރު ތަފާތު ކަމަށެވެ.
ޒިޔާދު ވިދާޅުވީ، ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ ޙާލަތްތައްވެސް އަންނަ ކަމަށާއި، ޓެކްސް ނުދައްކާ ހުރިހާ މީހުންނަކީ ޓެކުހަށް މަކަރު ހަދާ މީހުންނެއް ނޫންކަމަށެވެ. އެގޮތުން ދިމާވާ އެކިއެކި އެކަށޭނަ ސަބަބުތަކާހުރެ ހަގީގަތުގައިވެސް ޓެކްސް ނުދެއްކޭ ޙާލަތަށް ދާ މީހުންވެސް ތިބޭކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގައިވެސް ތަފާތުތަކެއް ހުންނާނެކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މި ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
ޒިޔާދު ވިދާޅުވީ، މުއައްސަސާތަކުގެ ހިންގުމަށް ސަރުކާރުގެ ނުފޫޒު ވަންނަގޮތަށް އޮންނަނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އެފަދަ ބައެއް ޙާލަތްތައް މިފަހުންވެސް ފެނިފައިވާކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑުމެން ދުށިން ދާދި ފަހުން އެފްއައިޔޫގެ ވެރިޔާ ބަދަލުވެގެން ދިޔަ ކޮންމެވެސް މައްސަލައަކާ ގުޅިގެން، އިއްތިފާޤެއްކަމަށް ވިދާޅުވީ، ހަމައެހެން ވަޒީރެއްގެ ފޯނުކޯލަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މަޤާމު ގެއްލިގެންދިޔަ، ރާއްޖޭގައި މަރުގެ ތަހުގީގުތައް އެންމެ ވަރުގަދައަށް އެންމެ ރަނގަޅަށް ކިޔަވާފައި ހުރި އެއް ތަހުގީގު ކުރާ އެއްފަރާތް މަޤާމު ބަދަލުވެގެން ދިޔަ، މިހާރު މި އޮތްގޮތުން މީރާއަށް ސަރުކާރުގެ ނުފޫޒެއް އައިސްގެން މީރާގެ ބޯޑު ކޮންމެ ފަހަރަކު ބަދަލުވާން ޖެހިއްޖެއްޔާ އެ އަޅުގަނޑު ޤަބޫލު ކުރަނީ ގޯހެކޭ، މި ދައުރު ތެރޭގައި ބީއެމްއެލްވެސް ބަދަލުވެގެން ހިނގައްޖެ، ސުޕްރީމް ކޯޓަށް ލީ މައްސަލައެއްގެ ސަބަބުން މުޅި ސުޕްރީމް ކޯޓު ބަދަލުވެއްޖެ، މިއީ ކަން ހިނގާފައި އޮތްގޮތް.
ޒިޔާދު ވިދާޅުވީ، ފައިސާ ނެތިގެން ބައެއް ކަންކަން ނުވާކަން ސަރުކާރުން ފާހަގަކުރާ ކަމަށާއި، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އެކިއެކި ކުންފުނިތަކާއި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި އެބަހުރި ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރާ މަންޒަރުވެސް ފެންނަކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި އެކަންކަމުގެ ސަބަބުން މުޅި ޓެކްސް ނިޒާމަށްވެސް އޭގެ އަސަރުކުރާކަމަށް ޒިޔާދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤާނޫނު ހެދުމަކުން ނުފުދޭ ކަމަށާއި، ޤާނޫނަށް ފާރަވެރިވާނެ ބަޔަކުވެސް ތިބެންޖެހޭނެކަމަށް މެމްބަރު ޒިޔާދު ވިދާޅުވިއެވެ. އެގޮތުން ކިތަންމެ ރަނގަޅު ޤާނޫނެއް ހެދިނަމަވެސް އެ ޤާނޫނަށް އަމަލު ނުކުރާނަމަ ބޭނުމެއް ނެތްކަންވެސް ޒިޔާދު ފާހަގަ ކުރެއްވިއެވެ.

