ޕޮލްކޯއާ ގުޅުންހުރި ކޮންޓްރެކްޓްތަކާ ގުޅިގުޅިގެން ދިވެހި ސަރުކާރަށް ލިބެންޖެހޭ 291 މިލިއަން ރުފިޔާ އަނބުރާ ހޯދުމަކީ ދަތިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމިޓީގައި ޕޮލްކޯއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދާއިރު، ކޮމިޓީގެ ސަބް ކޮމިޓީން ވަނީ ހުޅުމާލެ ފޭސް 2 ގައި ޕޮލްކޯގެ ފްލެޓްތައް އިމާރާތްކުރި ކޮންޓްރެކްޓަރުން އަޅަމުންދާ ލަގްޒަރީ އިމާރާތެއް ދައުލަތަށް ނެގުމަށް ހުށަހަޅާފައެވެ.
މި އިމާރާތަކީ ފުލުހުންގެ ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރެވުނު ކުންފުނި، އައިލެންޑް އެކްސްޕާޓުން އަޅަމުންދާ އިމާރާތެކެވެ.
ނާޒިމް ވިދާޅުވީ، ތިން ކޮންޓްރެކްޓަކާ ގުޅިގެން ދިވެހި ސަރުކާރަށް ޕޮލްކޯއިން 291 މިލިއަން ރުފިޔާ އަނބުރާ ލިބެންޖެހޭކަމަށް ބަންޑާރަ ނައިބަށް އަންގާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އިތުރު ސެޓްލްމަންޓް އެގްރިމަންޓެއްގައި އެއްބަސްވެފައިވާ 130 މިލިއަން ރުފިޔާގެ އިތުރުން، ޕޮލްކޯގެ ސަބްކޮންޓްރެކްޓަރުންނަށް ދީފައިވާ ފައިސާއާއެކު ޖުމްލަ އަދަދެވެ. ނަމަވެސް، ޕޮލްކޯގެ މާލީ ހާލަތަށް ބަލާއިރު، މި ފައިސާ ހޯ ހޯދުމަކީ މުސްތަޙީލު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާލަތުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބަދަލުގައި، ”އައިލެންޑް އެކްސްޕާޓް“ އިން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 17 ބުރީގެ އިމާރާތް ދައުލަތަށް ނެގުމަށް ނާޒިމް ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުމުގައި ވަނީ އިމާރާތުގެ އަގު ކޯޓުގެ ބެލުމުގެ ދަށުން ކަނޑައަޅައި، ލިބެންޖެހޭ އަދަދާ އަޅާކިޔުމަށްފަހު އެތަން ސަރުކާރަށް ނެގުމަށެވެ.
މީގެ އިތުރުން، އެޗްޑީސީގެ ބިމެއްގައި އަޅާފައިވާ މި އިމާރާތުގެ އެސެސްމަންޓް ކޮސްޓް ވެސް އެޗްޑީސީއަށް ދައްކާފައިނުވާކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި އިމާރާތް ދިވެހި ދައުލަތަށް ނެގުމަކީ ފައިސާ ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ފައިދާހުރި ގޮތެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި އަދަދަކީ ދައުލަތަށް ލިބެންޖެހޭ އަދަދެއް… ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އެ މީހުންގެ ސްޓޭޓަސްއާ އެއްޗެހި އެނގިފައި އޮތް ގޮތުން އެ މީހުންގެ އަތުން މި ފައިސާ ހޯދުމަކީ މުސްތަހިއްލު ކަމެއް
ޕޮލްކޯއާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ސަބަބުން އެ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. ފުލުހުންގެ ފްލެޓް އިމާރާތް އެޅުމުގެ މަޝްރޫޢުއިން ޕޮލްކޯއަށް 291 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް ބެލެވޭއިރު، ފްލެޓާ ގުޅޭ އޮޑިޓްގައިވާ ގޮތުން ޕޮލްކޯއަށް 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވަނީ ހާމަވެފައެވެ.
ނާޒިމް ވިދާޅުވީ، ޕޮލްކޯއާއި ވެފައިވާ އެގްރިމެންޓް ޓާމިނޭޓު ކުރުމަށް ބޭއްވި ޖަލްސާގެ ޔައުމިއްޔާ ލިބިފައިވާ އިރު، އެ ޔައުމިއްޔާގައި ޕޮލްކޯއިން ވަނީ އެ މީހުންގެ އަތުގައި އެއްވެސް ފައިސާއެއް ނެތްކަމަށް އެ ބައްދަލުވުމުގައި ބުނެފައެވެ. މި ހާލަތުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި، ”އައިލެންޑް އެކްސްޕާޓް“ އިން ހުޅުމާލޭގައި އިމާރާތް ކުރާ 17 ފްލޯގެ ކޮންކްރީޓް ސްޓްރަކްޗަރ ނިންމާފައި ހުރި އިމާރާތް ނެގުމަށް ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.
ފުލުހުންގެ ވެލްފެއަރ ކުންފުނި ޕޮލްކޯއާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މައްސަލަ އުފެއްދުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ.
ފުލުހުންގެ ވެލްފެއާ ކުންފުނިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް، ޕޮލްކޯ ފްލެޓުތައް އިމާރާތް ކުރި މައްސަލައިގައި ވެސް ތަހުގީގުތައް ދަނީ ކުރިއަށެވެ. މި މައްސަލައިގައި މާލިއްޔަތު ކޮމިޓީން އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީއާއި ބައްދަލު ކުރުމުން ވިދާޅުވީ، މައްސަލައިގައި ބޭނުންވާ ތަހުގީގުތައް ކުރުމަށް ކަމާ ގުޅޭ މުހިންމު ލިޔެކިއުންތަކެއް ނެތްކަމަށް ޕޮލްކޯ ކުންފުނީގެ އިސްވެރިން ބުނެފައިވާ ކަމަށެވެ.
ނިޔާޒީ ވިދާޅުވީ، ޕްރޮޖެކްޓުގެ ބިޑުކުރުމާއި އިވެލުއޭޓު ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތް ބެލުމަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ޕޮލްކޯގެ އިސްވެރިންނާއި ބައްދަލު ކުރުމުން، ސާވަރ ގައި މައްސަލަތަކެއް ދިމާވެ ލިޔެކިއުން ފެންނަން ނެތްކަމަށް މެނޭޖްމަންޓުން އަންގާފައިވާ ކަމަށް ނިޔާޒީ ވަނީ ހާމަކުރައްވާފައެވެ. މިކަމުގެ ސަބަބުން މި މައްސަލަ ތަހުގީގުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ފާހަގަ ކުރެވެއެވެ.

