ލާމަރުކަޒީ ނިޒާމަށް އިސްލާހެއް ގެނައުމުގެ މަގުސަދުތަކުގެ ތެރޭގައި ކައުންސިލުތަކަށް ލިބެމުންދާ އިންވެސްޓްމެންޓުތައް ސަރުކާރުގެ ތެރެއަށް ގެނައުން ހިމެނޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، މިވަގުތު ވެރިކަމުގައި ތިބީ ލާމަރުކަޒީ ނިޒާމު އެއްގޮތަކަށްވެސް ގަބޫލުނުކުރާ ބައެއްކަމަށެވެ. ފައްޔާޒް ވިދާޅުވީ، މީގެ ކުރިން ރައީސް ޑރ މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ކައުންސިލުތަކުގައި ތަޅުއެޅުވިކަމަށެވެ. އަދި އޭރު އޮތް މާލެ ސިޓީ ކައުންސިލާއި މެދު ކަން ކުރެއްވި މަންޒަރުވެސް ފެނިގެން ދިޔަކަމަށެވެ. ފައްޔާޒް ވިދާޅުވީ އެއަށް ފަހު ފެނުނީ މަޑުމައިތިރިކަމާއިއެކު ހުންނެވުމަށްފަހު މާލޭގެ މޭޔަރުކަމަށް އިންތިހާބުވި ތަން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އަނެއްކާވެސް ފެންނަނީ ރައީސްކަމަށް ވަޑައިގެން ލާމަރުކަޒީ ނިޒާމު ހަލާކު ކުރުމުގެ މަސައްކަތްތައް ކުރައްވަމުންދާ ތަންކަމަށެވެ. އަދި ސިލްސިލާ ގޮތެއްގައި ފަހަރަކު ހަމަލާއެއް ދެމުން ގެންދަވާކަމަށް ވިދާޅުވި އެވެ.
މިހާރު ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ފާސްކޮށްފައިވާއިރު ދާއިރާތަކުގައި ތަރައްގީގެ މަސައްކަތްތަކެއް ކުރިއަށް ނުދާކަމަށް ފައްޔާޒް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ ކައުންސިލުތަކުން ގެންދަނީ އެ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ކައުންސިލުތަކުން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަން ފެނިގެންދާކަމަށާއި އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި ވަކި ހުދޫދެއްގެ ތެރެއިން ކައުންސިލުތަކަށް ވިޔަފާރިކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާނެކަމަށެވެ. ފައްޔާޒް ވިދާޅުވީ، ރަށްތަކުގައި އާންމުކޮށް ކުރާ ވިޔަފާރިއެއް ކުރުމުގެ ފުރުސަތު ނޯންނާނެކަމަށާއި އޮންނާނީ ނުކުރާ ވިޔަފާރިއެއް ހޯދައި ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށްދީފައިކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އައު ކަންކަން ފަށައިގަތުމުގެ ގޮތުން އެ ގައުމެއްގައި ނުކުރާ ވިޔަފާރިތައް ސަރުކާރުތަކުންވެސް ކުރާކަމަށެވެ. ނަމަވެސް މިހާރު 10 މިލިއަނުން މަތިން އަގުކުރެވޭ ޕްރޮޖެކްޓެއް ނޫނީ ކައުންސިލުތަކަށް ނުހިންގޭ ގޮތަށް ބަދަލު ގެނެސްފައިވާކަމަށާއި މިހާރު އޮތް ސަރުކާރުންވެސް އުޅެނީ 10 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ނުހިންގިގެންކަމަށް ހިއްސާކުރެއްވިއެވެ.
މިހާރު އޮތްގޮތުން ކައުންސިލެއްގެ ދައުރުގައި ބާކީ އެއް އަހަރު ދުވަސް އޮތްނަމަ ތަޅު އެޅިގެންދާކަމަށްވެސް ފާހަގަކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ، ގެނެސްފައިވާ އިސްލާހުގެ ބޭނުމަކީ ތަޅު އެޅުވުންކަމަށާއި މިކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ކައުންސިލުތަކުން ރަށްތަކުގެ ތަރައްގީއަށް އިންވެސްޓްމެންޓުތައް ހޯދަމުންދާ މަންޒަރު ފެނުމުން ކުޅުދިޔާވެގެން އުޅުއްވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި މިކަމުގެ މަގުސަދަކީ ކައުންސިލުތަކަށް ހުރަސް އަޅައި އިންވެސްޓުމެންޓުތައް ސަރުކާރުގެ ތެރެއަށް ގެންދެވޭނެ މަގެއް ހޯދުންކަމަށްވެސް ތުހުމަތުކުރެއްވިއެވެ.
ސަރުކާރުންދަނީ އަމިއްލަ އެދުމާއި ބާރުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ވަރަށް ރަނގަޅަށް ހިނގަމުންދާ ނިޒާމެއް އެއްކޮށް ފުނޑުފުނޑުކޮށްލަމުންކަމަށްވެސް ވިދާޅުވިއެވެ.

