ރައީސް ބައްދަލުކުރެއްވި ޕްރިންސްއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއްގައިކަމަށް ފޮރިން މިނިސްޓަރ ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައުދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށްވާ ފަހަދް ސައުދު އަލްޝަލަންއާ ބައްދަލުކުރިކަމަށް ރައީސް އޮފީހުން އާންމުކުރުމާއިއެކު ވަރަށް ގިނަ ބަޔަކު ވަނީ އެކަމާއިމެދު ސުވާލު އުފައްދާފައެވެ. އަދި ވަރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުކުރިއެވެ.
މިކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ސުވާލު ކުރައްވާފައެވެ. މީކާއީލް ސުވާލުކުރެއްވީ، ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަަމަށް ބުނެ 5 މޭ 2025 ގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާފައިވާ، ”ޕްރިންސް“ ފަހަދް ސައުދު އަލްޝަންއަކީ ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯއެވެ. އަދި އެ ބައްދަލުވުމުގައި، ސައޫދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ނުވަނީ ކީއްވެގެންތޯވެސް ސުވާލުކުރިއެވެ.
އެ ފަރާތަކީ ސައޫދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާއި ހިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާއި ދެމެދު އޮތް ހާރިޖީ ގުޅުމަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިވޭތޯވެސް ސުވާލުކުރިއެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ ފަހަދް ސައުދު އަލްޝަންއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއްގައިކަމަށެވެ. ރާއްޖެއަށް ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރެއްގައި އަމިއްލަ މަސައްކަތަށްކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް ފައިނޭޝަލް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި އެހެން ބޭފުޅުންނާއިއެކުވެސް ބައިވެރިވެވަޑައިގެންނެވިކަން ހަލީލް ފާހަގަކުރެއްވިއެވެ.
ހަލީލް ވިދާޅުވީ ނުރަސްމީކޮށް ނުވަތަ ރަސްމީކޮށް ނަމަވެސް، އެމްބަސީއިން އެ ބައްދަލުވުމެއްގައި ބައިވެރިވުމަކީ ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅު މަތީގައި އޮންނަ ބާރެއްކަމަށެވެ. ރައީސް އެގޮތަށް ނިންމާފައިވަނީ އަމިއްލަ އިހުތިޔާރުގައިކަމަށާއި، ސަބަބަކީ އެއީ އަމިއްލަ ދަތުރެއްގައި ވަޑައިގެންނެވި ބޭފުޅަކަށްވީމައިކަމަށް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫތަކުގައި ވަރަށް ހާއްސަ ޝާމިލްކަމެއް ސައުދީ އަރަބިއްޔާގެ ފަރާތުން އެބަ އޮވޭ. ސައުދީ ސަރުކާރާއި ފަންޑު ނިސްބަތްވާ ގޮތުން ވަރަށް ހާއްސަ ސަމާލުކަމެއް ރާއްޖޭގެ ތަރައްގީއަށް ދެއްވާ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއާޕޯޓްގެ ޓާމިނަލްއަށް ސައުދީ ފަންޑުން ހޭދަކޮށްފައިވާތީ. މިހާ ހިސާބަށް އައިރު ބައްދަލުވުންތަކާއި ސައުދީއާއިއެކު ކުރެވުނު ދަތުރުތަކަށް ބަލާއިރު ހަ ފަހަރު އިސްވެރިން ސައުދީއަށް ވަޑައިގެންފައިވަނީ. މި ސަރުކާރުގެ މިހާތަނަށް ހަތް ފަހަރު ސައުދީއަށް ވަޑައިގެން ވަނީ ބައްދަލުކުރުންތައް ބާއްވާފައި.
ހަލީލް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއާއި ސައޫދީ އަރަބިއްޔާގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާކަމަށާއި، ސައޫދީއާއިއެކު އޮތީ އެއަށްވުރެ މާ ގާތް އަހުވަންތަ ގުޅުމެއްކަމަށް ހަލީލް ފާހަގަކުރެއްވިއެވެ. މިދިޔަ ސަރުކާރުގައި އޮތް ގުޅުމަށްވުރެ ވެސް، މިހާރު ސައޫދީއާއިއެކު އޮތީ މާ ގާތް ގުޅުމެއްކަމަށް ހަލީލް ވިދާޅުވިއެވެ. އަދި ސައޫދީ ސަރުކާރު އެހީގެ ގޮތުގައިވެސް އެތައް ފައިސާއެއް ދީފައިވާކަމަށް ހަލީލް ވިދާޅުވިއެވެ. މި ސަރުކާރުގައި މިދިޔަ ސަރުކާރާއި އަޅާ ބަލާއިރު، މިހާރުވެސް މާ ގިނައިން ސައޫދީއަށް ދަތުރު ކުރައްވާފައިވާކަމަށް ހަލީލް ވިދާޅުވިއެވެ.

