ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުގައި ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގަ އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ފޮނުވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނުގެ ދަށޫން ކައުންސިލުތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނުތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމުގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލުތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖާކުރުން ހިމެނެއެވެ. މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްވެސް ބަޔާންކުރެވިފައިވެއެވެ./
މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެއެވެ. އަދި އެ ޝަރުތުތައް ހަމަނުވާ ނަަމަ މިހާރު ހިންގަމުންދާ އެފަދަ ވިޔަފާރިތައް ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހުއްޓާލަންޖެހޭނެއެވެ.
ރައްޔިތުންނަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކަށް މުހިންމު ހައްލުތަކެއްވެސް ގެނެސްދީފައިވެއެވެ. މިގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މި އިސްލާހާއިއެކު ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

