އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި އެކްސް މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ރައީސް ޑރ މުއިއްޒު ވަނީ އެ ގައުމުގެ ރައީސް ދްރޫޕަދީ މުރްމޫގެ އިތުރުން ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. ރައީސް ވިދާޅުވީ، މި ދުވަހުގައި އެ ގައުމުން ފާހަގަކުރާ ކުލަ ގަދަ ހަރަކާތްތަކުން ދުވަހުގެ ރޫހު ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ރައީސް ވިދާޅުވީ، އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ގައުމެއްކަމަށެވެ. އަދި ދެ ގައުމުގެ އިސްވެރިންގެ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ އިތުރުން ރައްޔިތުންގެ ދެމެދު ކުރެވޭ މުއާމަލާތްތައްވެސް އިހުލާސްތެރިކަމާއިއެކު ބަލައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ. އެ މުއާމަލާތްތަކުން ދެ ގައުމުގެ ދެމެދު ކުރެވޭ މަސައްކަތްތައް މެދުވެރިކޮށް ބަދަހިކުރެވިފައިވާ ގުޅުން ރަމްޒުކޮށްދޭކަމަށް ހިއްސާކުރެއްވިއެވެ.

