މިދިޔަ މަހު އެންސްޕާއިން އެހީގެ ގޮތުގައި 32 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން އެންސްޕާގެ ޔަފާސްހިސާބްތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެންސްޕާއިން މި ޚަރަދުކޮށްފައިވަނީ އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށްށެވެ.
މިދިޔަ މަހު އެންމެ ގިނައިން ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ތިބެގެން ބޭސްފަރުވާ ކުރުމަށެވެ. ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 11.7 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ރާއްޖޭގައި ފަރުވާކުރުމަށް 21.1 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ހަރަދުކޮށްފައެވެ.
22 ބާވަތެއްގެ ބައްޔެއްގައި ޖުމްލަ 1،521 ކޭސްއަކަށް އެންސްޕާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށާއި ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 146 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 132 ކޭސްއަށް އެހީތެރިކަން ފޮރުކޮށްދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ނާރުގެ ބަލިތަކުގެ 124 ކޭސްއަށް އެހީ ފޯރުކޮށްދީފައެވެ.
ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށްވެސް އެންސްޕާއިން ވަނީ ޖުމްލަ 575 ކޭސްއަކަށް 8.2 މިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ.

