ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ހާއްސަ ހަރަކާތް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ތައްޔާރުވެއްޖެއެވެ.
އެއާޕޯޓް ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި ގަވާއިދުން ބާއްވަމުން އަންނަ މި ހަރަކާތަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.
މި ހަރަކާތް މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަނީ 8 ސެޕްޓެމްބަރު 2025 ގައެވެ.
މި ހަރަކާތުގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.
ވީއައިއޭގައި އެއާޕޯޓް ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ.
އެ އަހަރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން މި ހަރަކާތުގައި ބައިވެރިވިއެވެ.

