ރާއްޖޭގެ މިނިވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްމަވާލެއްވި ރަތް ރޮނގު އިތުރަށް ފަވާލެވިއްޖެ ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ގައުމީ ދިފާއީ ބާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޣައްސާން ވިދާޅުވީ މަނަވަރު ލިބިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ މާނަ ދޭހަވާ ދުވަހެއް ކަމަށެވެ. އެގޮތުން އަވައްޓެރި އަދި ދުރުގައިވާ ގައުމުތަކާއެކު ރައްޓެހިކަމުގެ ގުޅުން ބަދަހިކޮށް، ދިވެހި ގައުމުގެ މަސްލަހަތު ކުރިއަރުވާނެ ކަމަށް ރައީސް ވިދާޅުވި ބަސްފުޅުގެ މާނަ މިއަދު ވަނީ ދޭހަވެފައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޣައްސާން އިތުރަށް ވިދާޅުވީ، 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމަށް، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ދަންމަވާލެއްވި ފަލަ ރަތް ރޮނގު، މިއަދު ވަނީ އިތުރަށް ފަވާލައްވާފައި ކަމަށެވެ.
”މި މަސައްކަތް ފެއްޓުނު ހިސާބުން މިއަދާ ހަމައަށް ވަރަށް ގާތުން ދުށުމުގެ ނަސީބު ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވަން އޮތީ މިރޭ ހަގީގަތަކަށް ވެގެން ދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުންނޭ،“ މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާއާ ހަވާލުކުރެވުނު މަނަވަރަކީ ދިވެހި ތާރީޚުގައި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަނަވަރަކީ ދުރު ރާސްތާތަކަށް ހަލުވިކަމާއެކު ދަތުރުކުރެވޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއި ބަރު ހަތިޔާރުތަކުން މުޖައްހަޒުކުރެވިފައިވާ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ފުރިހަމަ މާނަ ދޭހަވާ އުޅަނދެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަނަވަރު ހަދިޔާކުރެއްވި ކަމަށްޓަކައި، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށާއި، ތުރުކީ ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާއަށް މިނިސްޓަރ ޣައްސާން ޝުކުރު އަދާކުރެއްވިއެވެ.

