މިހާ ހިސާބަށް އައިއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ކޮބައިކަން ކިޔައިދޭން ޖެހޭ މީހަކު ނުހުންނާނެއެވެ. ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކޮށް، އެ ޙައްޤުތައް ކަށަވަރުކޮށްދީ، ސަރުކާރު ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ މެންބަރުންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންތައްތަކެވެ.
ކޮންމެ މަޖިލިސް އިންތިޚާބެއްގައިވެސް ދައްކާ ވާހަކައަކީ މިއީއެވެ. ކެމްޕޭން ޖަލްސާތަކުގައި ދައްކާ ވާހަކައިން، ހުރިހާ ކަމެއް ފުދުނީއޭ ހީވާ ކަހަލައެވެ. ޤައުމު ތަރައްޤީކޮށްދޭ ވާހަކަ ދައްކަނީ ވަކި މިންވަރަކަށް ނޫނެވެ. ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ފުއްދައިދިނުމާއި، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރާ ވާހަކަތަކެވެ. އަދި މި މައްސަލަތައް ޙައްލުކުރުމަށް އެތަކެއް ޤާނޫނެއް ތަޢާރަފުކޮށް، އެތައް ޤާނޫނެއް އިޞްލާޙުކުރަންޖެހޭ ވާހަކައެވެ. އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވީ އެ ވާހަކައެވެ. މަޖިލީހަށް ހުށަހަޅަންޖެހޭ އެތައް ސަތޭކަ ބިލެއް ހުރި ވާހަކައެވެ.
އެހެންނަމަވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. ދުވަހުގެ އެޖެންޑާ އިޢުލާންކުރާއިރު، ހާލަކުން ބިލެއް ނޫނީ މަޖިލީހަކަށް ތަޢާރަފެއް ނުކުރެއެވެ. ބަހުސް މަރުޙަލާގައި އޮންނަނީ ދުވާލަކަށް ބިލެކެވެ. ކޮމިޓީތަކުގެ މަސައްކަތް ކުރަމުންދަނީ ހަފުތާއަކަށް ބިލެއްގެ އުސޫލުންނެވެ. ގިނައީ މުހިންމު އިލްމީ ބައްދަލުވުމެއް ނުބާއްވާ ކޮމިޓީތަކެވެ. 9 ޖަހާއިރު ޖަލްސާ ފެށުމަށްފަހު، ބައިގަޑިއިރުގެ ތެރޭގައި ޖަލްސާ ނިންމާލި ދުވަސްތައްވެސް މަދެއް ނޫނެވެ. ހާލަކުން ދުވަހަކު 2 ގަޑިއިރަށް ޖަލްސާ ކުރިއަށް ދިޔައީމާ، އެކަން ފާހަގަކުރަން ކޭކު ނުފަޅައިގެން ކުރާ ޝަކުވާވެސް މަދެއް ނޫނެވެ.
މަޖިލީހުގެ މި ދައުރުގައި ނިންމި މަސައްކަތްތަކާއި، އިންތިޚާބު ދުވަސްވަރު ކުރާނެކަމަށް ވިދާޅުވި މަސައްކަތްތަކާ އަޅާކިޔާއިރު، ތަފާސްހިސާބުތައް ދިމައެއް ނުވެއެވެ. ހުށަހަޅާފައި އޮންނަ ބިލަށް އިލްމީ ބަހުސެއް ކުރަނީވެސް މަދު ދުވަހަކުއެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ ޕީ.އެން.ސީ އާއި އެމް.ޑީ.ޕީގެ ވާހަކަ ދައްކަވާ މަންޒަރެވެ. ކުރިމަގަށް އޮތް ޙައްލަށް ބަހުސްކުރުމުގެ ބަދަލުގައި ކުރީ ސަރުކާރާއި، މި ސަރުކާރުގެ ވާހަކަތައް ނޫނީ ނީވެއެވެ. އެމް.ޑީ.ޕީއެއް، ޕީ.އެން.ސީއެއް ކިޔާނެކަމެއް ނެތެވެ.
އެންމެ ފުރަތަމަ މަޖިލީހުގެ ރިޔާސަތުން މިކަމާ ގުޅޭގޮތުން ވިދާޅުވީ، މަޖިލީހުގެ ތަޅުމުގެ މަސައްކަތް ނިމުނު ނަމަވެސް، މަޖިލީހުގެ މެންބަރުން ކޮމިޓީތަކުގައި މަސައްކަތްކުރާ ކަމަށެވެ. އަދި ޙަޤީޤީ މަސައްކަތްތައް ކުރިއަށްދަނީ ކޮމިޓީތަކުގައިކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
އެމް.ޑީ.ޕީގެ މެންބަރުން ތުހުމަތުކުރާ ގޮތުގައި މަޖިލީހުގައި ކުރާ މާ ބޮޑު މަސައްކަތެއް ނެތި، ޖަލްސާ ކުރުވާ މައްސަލަތައް މިގޮތަށް ދިމާވަނީ، ސަރުކާރުން ފޮނުވާ ބިލުތައް ރަނގަޅަށް ދިރާސާނުކޮށް އަވަސްއަރުވާލައި ފާސްކުރުމެވެ. އަދި މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން އިޢުލާނުކުރި، ގިނަ ބިލުތައް މަޖިލީހަށް ފޮނުވާފައި ނުވާތީއެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބިލުތަކުގެ މަސައްކަތް ލެޖިސްލޭޓިވް އެޖެންޑާއާ އެއްގޮތަށް ނުކުރާކަމަށް ފާހަގަކޮށް އަމާޒުކުރާ ފާޑުކިޔުންތަކެއްވެސް މަދެއް ނޫނެވެ. މިއީ މަޖިލީހުގެ މެންބަރުންގެ މައްސަލައަށްވުރެ، ބަންޑާރަ ނައިބުައިބު ޒިންމާވާންޖެހޭ މައްސަލަތަކެއްކަމަށް އެމް.ޑީ.ޕީގެ މެންބަރުން ބުނެއެވެ.
މަޖިލީހުން މަސައްކަތްކުރާކަމަށް ބުނެ ރިޔާސަތުން ކޮންމެ ދުވަހަކު އެކަން ފާހަގަކުރަންޖެހޭ ސަބަބަކީ ކޮބައިކަން އަޅުގަނޑު ނުދެންނެވިޔަސް ސާފުވާނެކަން ޔަގީނެވެ. އަދި މަޖިލީހުން މަސައްކަތްކުރާކަމަށް ދެއްކުމަށް މަޖިލީހުގެ ހުރިހާ ތަފާސްހިސާބުތަކެއް ރިޔާސަތުން ހާމަކުރަނީވެސް މަޖިލީހުގައި ޙަޤީޤަތުގައި ކުރާނެ މަސައްކަތެއް ނެތުމުންކަމަށް ،މަޖިލީހުގެ މައިނޯރިޓީ މެންބަރުން ފާހަގަ ކުރެއެވެ.
މީގެ އިތުރުން އެމް.ޑީ.ޕީއިން ޖެހިޖެހިގެން ވެއްދި ގިނަ ކުއްލި މައްސަލަތަކެއް ބޭރުކުރުމަށްފަހު، މައްސަލަތައް ބޭރުކުރީ، ވަގުތު ބޭކާރު ނުކުރުމަށްކަމަށް ޕީ.އެން.ސީގެ މެންބަރުން ފާހަގަކުރުމުންވެސް އޭރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރިއެވެ. އެގޮތުން ވަގުތު ބޭކާރުވެގެން، ނުކުރެވި އޮތް މަސައްކަތެއް މަޖިލީހުގެ ތަޅުމުގައި ނެތްކަމަށް ފާހަގަކޮށްފައިވެއެވެ.
މި ވާހަކަތަކަށް ރައްދުދެއްވާ ޕީ.އެން.ސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވީ މިހާރުގެ މަޖިލީހަކީ ”ޚިދުމަތްތެރި މަޖިލީހެއް“ ކަމަށާއި، ބިލުތައް ފާސްކުރަނީ އަވަސްއަރުވާލައިގެން ނޫންކަމަށެވެ. އަދި 20 ވަނަ މަޖިލީހުން ކޮންމެ ބިލެއްވެސް ފާސްކުރުމުގެ ކުރިން، ރައްޔިތުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާކަމަށާއި، މީގެ ކުރިން މަޖިލީހަށް ހުށަހަޅާ އެއްވެސް ބިލެއްގައި ރައްޔިތުން ދެކޭގޮތަކީ ކޮބައިތޯ ބަލައި، އެއާ އެއްގޮތަށް ނިންމުންތައް ނިންމާފައި ނުވާކަމަށް ފަލާޙު ވިދާޅުވިއެވެ.
ޗުއްޓީއަށް ދާންޖެހޭ ދައުރު ވަގުތު އިތުރަށް ދަންމައިގެން މަޖިލީހުން ބައެއް ބިލުތައް ފާސްކުރާކަމަށް ބުނެ އަންނަ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ފަލާޙު ވިދާޅުވީ، އެއީ ޙަޤީޤަތެއް ނޫން ކަމަށެވެ. ފަލާޙު ވަކިވަކިން ފާހަގަކުރެއްވި ބިލުތަކުގެ ތެރޭގައި ޤާނޫނުލްޢުޤޫބާތުގެ ބިލަށް ހުށަހަޅާފައިވާ އިޞްލާޙުތައް އަދި ގެދޮރުވެރިކަމާ ބެހޭ ބިލުތައް ހިމެނެއެވެ. މިފަދަ ބޮޑެތި ބިލުތަކަކީ މަޖިލީހަށް ލިބުމުން ކޮމިޓީތަކަށް ފޮނުވައި، ކޮމިޓީ މަރުޙަލާގައި ރަނގަޅަށް މަޝްވަރާކޮށް، ކަމާގުޅުންހުރި އިދާރާތަކާއި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން، އިޞްލާޙުކުރެވޭ ބިލުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙު އިތުރަށް ވިދާޅުވީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކީވެސް ކޮމިޓީގައި ވަރަށް ގިނަ ދުވަސްވެފައިވާ، އަދި ރައްޔިތުންނަށް ވަރަށް މުހިންމު ބިލެއްކަމަށެވެ. މިހުރިހާ މަސައްކަތެއްވެސް މަޖިލީހުން ކުރަމުންދަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ރޫޙުގައިކަމަށް ފަލާޙު ވިދާޅުވިއެވެ. މަޖިލީހުގެ ތަޅުމުގައި ހޭދަކުރާ ވަގުތު ކުޑަކަމަށް ބުނެ ފާޑުކިޔުން އަމާޒުކުރި ނަމަވެސް ކޮމިޓީތަކުގައި ގިނަ ވަގުތު ހޭދަކޮށް، މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ ބައްދަލުވުންތައް ގިނައިން އޮންނަނީ މެންދުރުފަހު 1:30 ގައި ނިންމާގޮތަށް ނަމަވެސް، ކޮމިޓީ ބައްދަލުވުންތައް ރޭގަނޑު 11:30 އާ ހަމައަށް ކުރިއަށްދާކަމަށެވެ.
ފަލާޙު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނަށް ވަރަށް މުހިންމު ބިލުތަކާއި ކަންކަން ނިންމަން ޖެހިފައިވީ ނަމަވެސް، ކޮމިޓީތަކަށް ގެނެސްގެން ހަމަ ވަރަށް ގިނަ ވަގުތު ނަގާފައި އެބަ ހުއްޓެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކޮމިޓީތަކުގައި މަސައްކަތްތައް މަޑުޖެހިފައި ހުރިކަމަށް ބުނާއިރު، ކަމުގެ ޙަޤީޤަތް ބަލާލުން މުހިންމުކަމަށް ފަލާޙު ވިދާޅުވިއެވެ.
މީގެއިތުރުން ފަލާޙު ވަނީ އަވަހަށް މަޖިލީހުގެ ޖަލްސާއެއް ނިންމާލުމުން، އެކަން މީޑިއާތަކުން ރިޕޯޓުކުރާތީވެސް ފާޑު ވިދާޅުވެފައެވެ. މަސައްކަތެއް ނެތިގެން ޖަލްސާއެއް ނިންމާލިކަމަށް ނޫސްތަކުގައި ލިޔާއިރު، ކޮމިޓީ މަސައްކަތްތައް ގިނަ ވަގުތު ކުރިއަށް ގެންގޮސް މެންބަރުން އެކަމުގައި ވަގުތު ހޭދަކުރާނަމަ އެކަންވެސް ރިޕޯޓުކުރުމަށް ފަލާޙު ވަނީ ގޮވާލައްވާފައެވެ.
87 އަކުން 93 އަކަށް މެންބަރުންގެ އަދަދު އިތުރުކޮށް، ބޮޑު މުސާރަދީ މަޖިލީހަށް އެތައް މެންބަރުންނެއް އިންތިޚާބުކުރާއިރު، ސިޔާސީ އަދި ޒާތީ މަޞްލަޙަތު އެއްފަރާތްކޮށް، ޤައުމާއި، ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާނެ މެންބަރުންތަކެއް ތިބުން މުހިންމެވެ.
މަޖިލީހުގެ ތަފާސްހިސާބުތައް ބަލާލުމުން ބިލެއްގެ ބަހުސެއްގައި ބައިވެރިނުވާ، މަސައްކަތެއްގައި ޝާމިލުނުވާ މެންބަރުން އެބަތިބިކަން ހާމަވެއެވެ. މަޖިލީހަށް މެންބަރުން އިންތިޚާބުކުރަނީ އެތަކެއް ހާސް ރައްޔިތުންތަކެއްގެ ބަލަދުވެރިކަން ނުވަތަ، އެބަޔަކު ރަމްޒުކޮށްދިނުމަށެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި މިސްރާބު ފެންނަނީ މުޅިން އެހެން ދިމާލަކަށް އެޅިފައިވާ މަންޒަރެވެ. އަދި މިއީ ފުރަތަމަ ކޮޅެވެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި މިކަންކަން ރަނގަޅުކޮށް، ޤައުމަށް ފޯކަސް ބަހައްޓައިގެން އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން ޖެހެއެވެ. މަޖިލީހުން އެކަށީގެންވާ، ރައްޔިތުން ޤަބޫލުކުރާ މަސައްކަތްތަކެއް ކުރެވޭނަމަ، އެކަން ސާބިތުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް އެއަށްވުރެ ބޮޑެއް ނުވާނެއެވެ.
ކަން މިހެން އޮތްއިރު، މެންބަރުންނަށް ލިބޭ މުސާރަ އެކަށީގެންނުވާ ވާހަކަވެސް މެންބަރުންގެ މެދުގައި، ކޮމިޓީތަކުގައި ދެކެވެނީ މަދަކުން ނޫނެވެ. ހާލަކުން މެންބަރަކު އެކަށީގެންވާ މަސައްކަތްތަކެއް ކުރިނަމަވެސް، ދެން ތިބީ ”ޙަޤީޤަތުގައި ލިބޭ“ މުސާރަކަމަށް އެ ވިދާޅުވާ 40 ހާހެއްހާ ރުފިޔާވެސް ޙައްޤުނުވާ މެންބަރުންނެވެ.
މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤައުމީ ތަރައްޤީއަށް މަގުފަހިކުރާނެ ގޮތަށް ކަންކަން ރޭވުމަކީ މުހިންމު ކަމެކެވެ. މެންބަރުންގެ ޒިންމާދާރުކަން އިތުރުކޮށް، މޮށް، މަޖިލީހުގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން ރައްޔިތުންގެ އިތުބާރު ހޯދައި، މަޖިލީހގެ ދައުރު އިތުރަށް ފުޅާކޮށް، ޤާނޫނު ހެދުމުގެ މަސައްކަތް އަވަސްކުރުމަށް އިސްކަންދޭންޖެހެއެވެ.
މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރުން
- ސަރުކާރު ޖަވާބުދާރީކުރުވުން
- ޤާނޫނުތައް ހެދުމާއި އިޞްލާޙުކުރުން
- ޤައުމީ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުން
- ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅުން
މި ކަންކަން އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށްޓަކައި، މަޖިލީހުގެ މެންބަރުން އިތުރަށް ހޭލުންތެރިވެ، ޒިންމާދާރުވާންޖެހެއެވެ. އަދި މަޖިލީހުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރަންޖެހެއެވެ. މީގެއިތުރުން:
- މަޖިލީހުގެ ޖަލްސާތަކުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، އުފެއްދުންތެރި ބަހުސްތައް ކުރިއަށް ގެންދިއުން
- ކޮމިޓީތަކުގެ މަސައްކަތްތައް ހަލުވިކޮށް، އިލްމީ ދިރާސާތަކަށް އިސްކަންދިނުން
- ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުން
- މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދެފުށް ފެންނަ ގޮތަށް ހާމަކުރުން
- މެންބަރުންގެ ހާޒިރީއާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނިޒާމެއް ޤާއިމުކުރުން
މިފަދަ ފިޔަވަޅުތަކެއް އެޅުމުން، މަޖިލީހުގެ މަސައްކަތްތަކުގެ ފެންވަރު މަތިވެ، ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެއެވެ. އަދި ޤައުމުގެ ތަރައްޤީއަށް މަގުފަހިވެ، ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އަޅުގަނޑުގެ ހިޔާލުގައި މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ އަޑު އުފުލާ، ޤައުމީ މަޞްލަޙަތު ކުރިއަރުވާ ބަޔަކަށް ވާންޖެހެއެވެ. އެހެންކަމުން، މެންބަރުން އަމިއްލަ ނަފްސަށާއި ޤައުމަށް އިޚްލާޞްތެރިވެ، ރައްޔިތުންގެ އުންމީދުތައް ފުއްދައިދިނުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ކަންކަން ކުރިއަށްދާނެކަމަށް އުންމީދުކުރަމެވެ.

