ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާއި ގުޅިގެން ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅު ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އޮންލައިން ނޫހަކަށް ޔާމީން ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ގާސީމް އާއި އޭނާގެ ދަރިކަލުން ޖަލަށް ލީ 2018 ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ކަމަށެެވެ. ޔާމީން ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ފްލެޓެއް ބައްލަވައިގަތުމަށް 2.4 މިލިއަން ޑޮލަރު ދެއްވިކަމުގެ ތުހުމަތުގައި ސިޔާދަށް އޭރު ކުރެވުނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އޭރު ނެރުނު މަޝްހޫރު ފެބްރުއަރީ 1 ގެ އަމުރު މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުތުކޮށް ހައްޔަރު ކުރި އެވެ. އަދި މާލޭގައި ސްޓޭޓް އޮފް އިމަޖެެންސީ އިއުލާނުކޮށް ރޭގަނޑު އެއްވުންތައް ކުރިޔަށް ގެންދިއުން މަނާ ކުރި އެވެ. އެ މައްސަލައިގައި ތުހުމަތު ކުރި ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން އަދި އޭރުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހިމެނެ އެވެ. އަދި މައްސަލައިގައި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ހައްޔަރު ކުރި އެވެ.
މި ބޭފުޅުންތައް ހައްޔަރު ކުރަން ޖެހުނު ސަބަބުކަމަށް ބުނެ، ރައީސް ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސް މައުމޫންގެ ފަރާތުން ވެސް ވަނީ ބަޔާނެއް އާންމުކޮށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ. ރައީސް ޔާމީން މި މައްސަލައިގައި ވިދަޅުވެފައި ވަނީ، ފެބްރުއަރީ 1 ގެ އަމުރާއި ގުޅިގެން ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް މެލޭޝިއާ އިން ގެއާއި ފްލެޓް ގަނެދެއްވީ ގާސިމާއި ސިޔާދު މެދުވެރިވެގެން ކަމަށެވެ. އަދި ހުޅުމާލެއިން ފަނޑިޔާރުން ފްލެޓް ގަތުމަށް ގެރެންޓާއެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ ވެސް ސިޔާދު ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ އެ އިންޓަވިއުގައި ވަނީ އެމަނިކުފާނުގެ ދައުރުގައި ސިޔާސީ ލީޑަރުން ލީޑަރުންގެ ތެރެއިން ޖަލަށް ލައި، ހައްޔަރު ކުރި އެކި ބޭފުޅުންނަށް ކުރި ތުހުމަތުތައް ތަފްސީލުކޮށް ދެއްވާފަ އެވެ.
މީގެ ކުރީގައި ވެސް ރައީސް ޔާމީން ވަނީ ސިޔާސީ ހައްޔަރީންނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވައި ފެބްރުއަރީ އެކެއްގެ އަމުރަކީ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ދިން ހަމަލާއެއްކަމަށް ސިފަ ކުރައްވާފަ އެވެ.

