މާލޭގެ މަގުތަކުން ބޭނުން ނުކުރާ ގިނަ އަދަދެއްގެ އުޅަނދުތައް ފުލުހުން ނަގައިފިއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާ ގުޅޭގޮން މިފަހުން ކަންބޮޑުވުންތައް އިތުރުވި އެވެ.
އެއާއި އެކު، ފުލުހުން ވަނީ މިފަދަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ފަށާފައެވެ.
ފުލުހުން މިއަދު ބުނީ އާންމު ރައްޔިތުންނަށް ދަތިވާ ގޮތަށް ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން މިހާތަނަށް ޖުމްލަ 208 އުޅަނދު މަގުތަކުން ނަގާފައިވާކަމަށް މައުލޫމާތު ދިނެވެ.
ޓޯވ ކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 168 ސައިކަލާއި 40 ހަތަރު ފުރޮޅުލީ އުޅަނދެވެ.
މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާކަމަށް ފާހަގަކުރެވޭ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައި ވަނީ މާލޭގެ މަގުތަކުގައި އާންމުންނަށް ލުއިފަސޭހަކަމާއެކު އުޅެވޭނެ މަގު ފަހިކުރުމުގެ ގޮތުންކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މަޖީދީ މަގާއި، އަމީނީ މަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ހިމެނެ އެވެ.

