ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވަނީ އިންތިހާއަށް މުހިއްމު އިސްލާޙުތަކެއް: ޤާސިމް

މަޖިލީސް އިންތިޙާބުގެ ނަތިއްޖާއިން އިގިގެން ދިޔައީ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރީ ހުސްގޮނޑި ދައްކައިގެންނޫންކަން: ޤާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވި ފަދައިން ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކަކީ ގެންނަން ޖެހިފައިވާ އިސްލާޙުތަކެއް ކަމަށާއި މިއީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް އެފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކާ ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައެވެ.

ޤާސިމް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކަކީ ވަރަށް މުހިއްމު އިސްލާޙުތަކެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު މި އިސްލާޙުތަކުގެ ބޭނުންވެސް ނުހަނު ބޮޑުވެފައިވާކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު އިސްލާޙުތަކަކީ ވަރަށް މުހިއްމު އިސްލާޙުތަކެއް، މިއީ މިއަދުގެ ޙާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާޙެއްކަމުގައި ދަންނަވާލަން ބޭނުން.

ޤާސިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫން ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ޤާނޫނުވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަށްކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، އެ ހުދޫދުގެ ތެރޭގައި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކުތަކަށް ފުށުއަރާގޮތަށް އެއްވެސް ޤާނޫނެއް ހެދިފައި އޮވެގެން ނުވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖެ ހިންގަމުންދާތާ 14 ވަރަކަށް އަހަރުވެފައިވާއިރު، މި ޤާނޫނާއެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަމުންދާކަމަކީވެސް ޙަޤީޤަތެއް ކަމަށެވެ. ވަކިން ޚާއްސަކޮށް، ސަރުކާރާ އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓު ކުރާކަންވެސް ފާހަގަ ކުރެވޭކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކަށް ތާއީދު ކުރައްވައި ރައީސް ޑރ މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް އޭނާއަށްވެސް ޤަބޫލު ކުރެވޭކަން ހާމަ ކުރައްވާފައެވެ.

އަޅުގަނޑުވެސް ޤަބޫލު ކުރަނީ ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވި ފަދައިން މި އިސްލާޙުތަކަކީ އެ ނިޒާމު ހަރުދަނާ ކުރުމަށާއި، ޗެމްޕިއަން ކުރުމަށް ގެންނަން ޖެހޭ އިސްލާޙުތަކެއް ކަމަށް.

ޤާސިމް ވަނީ މި އިސްލާޙުތަކުގެ މުހިއްމުކަމުގެ ބައެއް މިސާލުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޤާސިމް ވިދާޅުވީ، މިސާލަކަށް ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އަދި އެއީ ނާޖާއިޒު ފައިދާ ނެގުންކަމަށްވެސް ޤާސިމް ސިފަ ކުރެއްވިއެވެ.

ހަމައެއާއެކު، އަންނަ ދައުރަކަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަން ނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 ވަނަ އަހަރުގެ މެއި މަހަށް ހަމަވާނެ ކަމަށާއި، އެހެންކަމުން ދައުރުގެ ބާކީ ދެން އޮތީ ގާތްގަނޑަކަށް 10 މަސް ކަމަށެވެ. އެހެންކަމުން ކައުންސިލުތަކުން އިޚުލާސްތެރިވާން ޖެހޭނީ ޤާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށްކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މި އިސްލާޙުގެ ސަބަބުން ހަގީގަތުގައި ފައިދާވަނީ ސަރުކާރަކަށް ނޫން ކަމަށާއި، އިސްލާޙުގެ ހަގީގީ ފައިދާ ކުރަނީ ރައްޔިތުންނަށްކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެގޮތުން ރަށެއްގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާއެކު ފާސްކޮށްފައިވާ އެއްޗަކަށްވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިހުތިޔާރު އޮވެގެން ނުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެފަދަ ކަންކަމުގެ ސަބަބުން ޤައުމަށް އޭގެ ގެއްލުންތައް ލިބޭކަމަށެވެ.

މި އިސްލާޙުގައި ލޯކަލް އޮތޯރިޓީގެ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް 3 ޝަރުތެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި އެފަދަ މަސައްކަތްތަކަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤްތިސާދީ މަސައްކަތް ނުވަތަ ވިޔަފާރިއެއްކަމުގައި ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އެކަންކަމުގެ ފައިދާ ހަގީގަތުގައި ލިބިގެންދާނީ އެ ރަށެއްގެ އާންމު ރައްޔިތުންނާއި އާންމު ވިޔަފާރިތަކަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ކަން މިހެން ހުރުމާއެކު، ރައީސް މުއިއްޒު ވިދާޅުވި ފަދައިން މި އިސްލާޙުތަކަކީ ގެންނަން ޖެހިފައިވާ އިސްލާޙުތަކެއްކަން މިއީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: