ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގެ ބިންތަކެއް ދޫކޮށްލައިގެން ހަނގުރާމަ ނިންމަން މަސައްކަތްކުރަން ޓްރަމްޕު އެއްބަސްވާކަމުގެ ތުހުމަތު

ޓްރަމްޕާއި ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުވާލުމަށްޓަކައި ރަޝިއާއަށް އެ ގައުމުގެ ބިންތަކެއް ދިނުމަށް އެއްބަސްވެވޭކަމުގެ އިޝާރާތްތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން ފެނިފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން އެމެރިކާއަށް ކުރެއްވި ތާރީހީ ޒިޔާރަތަށްފަހު ނޫސްތަކުންވަނީ ދެ ގައުމުގެ ދެމެދު ޔޫކްރެއިންގެ ހަނގުރާމަ ނިންމުމަށްޓަކައި އެދެވޭ ގޮތެއްގެ މަތިން އެއްބަސްވުމަކަށް އާދެވިފައިނުވާކަމަށް ރިޕޯޓުކޮށްފައެވެ. ނޫސްތަކުން ބުނާގޮތުން ޓްރަމްޕުވަނީ ޔޫރަޕުގެ ލީޑަރުންނާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ޔޫކްރެއިންގެ ބިންތަކެއް ދޫކޮށްލައިގެން ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. ނޫސްތަކަށް މިކަން ހާމަކޮށްފައިވަނީ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގެ މައުލޫމާތުތައް ލިބިފައިވާ ޔޫރަޕުގެ އޮފިޝަލުންތަކެއްކަމަށް ބުނެފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބިންތައް ދޫކޮށްލައިގެން ސުލްހަ ގާއިމުކުރުމުގެ ހިޔާލު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއި ހިއްސާކުރާނެކަމަށް ބެލެވޭކަމަށްވެސް ނޫސްތަކުން ބުނެއެވެ. އަދި މިކަމުގައި ޔޫރަޕުގެ ބައިވެރިވުމެއް އޮންނާނެތޯ ބެލުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ޕުޓިންއާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ޓްރަމްޕުވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވަކާލާތުކޮށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލާފައިކަމަށް ފެނިގެންދާކަމަށްވެސް ފާޑުކިޔާ ފަރާތްތަކުންބުނެއެވެ. އަވަސް ހައްލެއް ލިބިގެންދާނީ ޔޫކްރޭނުން ބައެއް ބިންތައް ދޫކޮށްލުމަށް އެއްބަސްވެެގެންކަމަށް ޓްރަމްޕު ގަބޫލުކުރައްވާކަމަށް ރިޕޯޓުތަކުގައިވާއިރު ސުވާލު އުފެދިފައިވާ ބައެއް ބިންތަކަކީ މިވަގުތު ރަޝިއާގެ ބާރުގެ ދަށުގައި ހުރި ތަންތަން ނޫންކަން ފާހަގަކުރެއެވެ.

ރަޝިއާއަށް ހިފިފައިނުވާ ބިންތަކެއް ދޫކޮށްލުމާއި ދެކޮޅަށް ޒެލެންސީ އަދި ޔޫރަޕުގެ ލީޑަރުންވެސް އަޑުއުފުއްލަވަމުން އައިސްފައިވާކަމަށް ބުނާއިރު އެފަދަ ބިންތަކުގެ ތެރޭގައި ދިފާއީ ދާއިރާއަށް މުހިންމު ބިންތަކާއި ގުދުރަތީ ވަސީލަތްތަކުގެ ގޮތުން މުއްސަނދިކަމަށް ބެލެވޭ ބިންތައްވެސް ހިމެނޭކަން ފާހަަގަކުރެވެއެވެ. ޔޫކްރެއިންގެ އެއްވެސް ބިމެއް ދާއިމީކޮށް ރަޝިއާއަށް ހަވާލުކޮށްގެން ސުލްހަ ގާއިމުނުކުރެވޭނެކަމަށް އެ ގައުމުގެ އޮފިޝަލުން ބުނަމުން އައިސްފައިވާއިރު އެއީ އެ ގައުމުގެ ގާނޫނުއަސާސީއާއިވެސް ހިލާފުވެގެންދާނެ ނިންމުމެއްކަން ފާހަގަކުރެއެވެ.

މިގޮތުގެ މަތިން އަމަލުކުރުމުގެ ބަދަލުގައި ޕުޓިންވަނީ އެހެނިހެން ސަރަހައްދުތަކުގައި ހަމަލަާތައް ހުއްޓާލައި ޔޫކްރެއިންއާއި އެހެން ޔޫރަޕުގެ ގައުމަކަށްވެސް އިތުރު ހަމަލާއެއް އަމާޒުނުކުރާނެކަމަށް ލިޔެކިއުމުން ބަޔާންކޮށް އެއްބަސްވުމަށް ހުށައަޅާފައިކަމަށްވެސް ބުނާއިރު ޔޫރަޕުގެ ލީޑަރުންވަނީ ޕުޓިންގެ ފަރާތުން ވައުދުތަކާއި ހިލާފުވުމުގެ ތާރީހެއް ފެންނަން އޮތްކަމަށް ޓްރަމްޕާއި ހިއްސާކުރައްވާފައިކަން ނޫސްތަކުން ފާހަގަކުރެއެވެ.

ޔޫރަޕުގެ ލީޑަރުން ދެކޭގޮތުން ސަރަހައްދީ އިމުން ބައެއް ދޫކޮށްލުމާއިމެދު ގޮތެއް ނިންމަންޖެހޭނީ ޔޫކްރޭނުންނެވެ. އަދި ގަދަބާރުން ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ ބޯޑަރުތަކަށް ބަދަލު ގެނައުމަކީ ކުރަންވާ ވަރުގެ ކަމެއް ނޫންކަމަށް ބުނާކަން ފާހަގަކުރެވެއެވެ. މި މައްސަލައިގައި ވައިޓް ހައުސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްތައް ކާމިޔާބުވެފައިނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: