ސާބިއާގެ ސަރުކާރާއި ދެކޮޅަށް ހިންގަމުންދާ މުޒާހަރާތައް އިންތިހާއަށް ހޫނުވެފައިވާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ނޫސްތަކުން ބުނާގޮތުން ރުޅިގަދަވެފައިވާ މުޒާހަރާގެ ބައިވެރިންތަކެއްވަނީ ސާބިއާގެ ވެރިރަށުގައި ފުލުހުންނާއި ކުރިމަތިލާފައެވެ. އަދި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު މަގުތައްމަތީގައި ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންދާތާ ދުވަސްތަކެއް ވެފައިވާކަމަށް ބުނެފައިވެއެވެ. މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ މީހުން މަގުތަކުގައި ހަރަކާތްތެރިވާއިރު އެ ގައުމުގެ ރައީސް އެލެކްސެންޑާރ ވޫޗިޗްގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ އަޑު އިވިގެންދާކަމަށާއި އޭނާ ނިސްބަތްވާ ޕާޓީ އޮފީހެއްގައިވެސް ހުޅުޖަހާފައިވާކަމަށެވެ.
ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގީ މި އަމަލު ހިންގުމަށްފަހުކަން ނޫސްތަކުން ފާހަގަކުރެވެއެވެ. އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު މުޒާހަރާ ކޮންޓްރޯލްކުރުމުގެ ގޮތުން ކަރުނަ ގޭސް ޖެހުންފަދަ މަސައްކަތްތައް ފުލުހުންގެ ފަރާތުން ފެނިގެންދާކަމަށާއި މަގުމަތީގައި ހުރި އާންމު ވަސީލަތްތައް ރޯކުރަމުންދިއުމުގެ މައްސަލަތައްވެސް ފާހަގަކުރެވިފައިވާކަމަށް
ފުލުހުން މަސައްކަތްކުރަމުންދަނީ އަނިޔާވެރި ގޮތެއްގެ މަތިންކަމަށް ބުނެވެސް މުޒާހަރާގައި ބައެއް ފަރާތްތަކުން ބައިވެރިވެފައިވާކަން ނޫސްތަކުން ފާހަގަކުރެއެވެ. އެ ގައުމުގެ އިންޓީރިއާރ މިނިސްޓަރުވަނީ މި ހަމަނުޖެހުންގަނޑުގެ ތެރެއިން ފުލުހުންނަށް އަނިޔާވެ އާންމުންގެ ބަޔަކު ހައްޔަރުކޮށްފައިވާކަންވެސް ހާމަކޮށްފައެވެ. އަދި އިތުރު މީހުންވެސް ހައްޔަރުކުރާނެކަމަށާއި ގާނޫނާއި ހިލާފުވާ އެންމެންގެ މައްޗަށް އިންސާފު ގާއިމުކުރާނެކަމަށް ބުނެފައިވެއެވެ. އެކި ސަރަހައްދުތަކުގައި އެކި ވަރުގެ ގެއްލުންތައް ވެފައިވާއިރު ގެއްލުން ލިބުނު ވަސީލަތްތަކުގެ ތެރޭގައި ކޯޓު އިމާރާތްތަކާއި ޕީޖީ އޮފީސް އަދި މިއުނިސިޕަލް އިމާރާތް ހިމެނެއެވެ.
ސާބިއާގައި ސަރުކާރާއި ދެކޮޅަށް ފެށުނީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޓްރެއިން ސްޓޭޝަނެއްގެ ބައެއް ވެއްޓި 16 މީހަކު ނިޔާވުމާއި ގުޅިގެން ސަރުކާރުން އެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ދެރަ ކޮލިޓީއެއްގައިކަމަށް ގިނަ ބަޔަކު ދެކުމާއި ގުޅިގެންނެވެ. ކޮލިޓީ ދަށް މަސައްކަތްތައް ކޮށްފައިވަނީ އެ ޕްރޮޖެކްޓުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އެކުލެވޭތީކަމަށް ގިނަ ބަޔަކު ދެކެއެވެ.
ސުކޫލާއި ކޮލެޖްތަކުގެ ދަރިވަރުން ހިމެނިގެން ކުރިއަށް ގެންދިޔަ މުޒާހަރާތައް އެތައް މަހެއް ވަންދެން ހަމަނުޖެހުންތަކެއް ނެތި ކުރިއަށް ދިއުމަށްފަހު ހޫނުވެގެންދިޔައީ ދާދި ފަހުންކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ ރައީސް ވޫޗިޗްގެ މައްޗަށް ބޮޑު ޕްރެޝަރެއް އައިސްފައިވާއިރު މަޖިލީހުގެ އިންތިހާބު އަވަސްކުރުމަށް ގޮވާލާ އަޑުތަކަށް ބީރު ކަންފަތެއް ދީފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އޭނާ ތުހުމަތުކުރާގޮތުން މުޒާހަރާގެ ބައިވެރިނަކީ ބޭރުގެ ނުފޫޒަކަށް ތަބާވެ ސާބިއާ ބަލިކަށިކޮށްލުމަށްޓަކައި މަސައްކަތްކުރަމުންދާ ބައެކެވެ.

