ނިމިދިޔަ ސަރުކާރުތަކުން ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމުގެ ޤާނޫނެއް ގެނެސްފައި ނެތުމަކީ ރައްޔިތުންނަށް ވެފައިވާ އިހުމާލެއްކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަރާތުން ޚާއްސަ ބިލެއް ހުށަހަޅާފައިވާތީ އެކަމަށްޓަކައި ރައީސް ޑރ މުޙައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މެމްބަރު ވިދާޅުވީ، ޒަކާތުގެ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ނޫންކަން އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރަން ވާނެ ކަމަށެވެ. އަދި މިއީ ސިޔާސީ ވާދައިގައި އެއް ބަޔަކު އަނެއް ބަޔަކާދެމެދު ދެކެވޭ ވާހަކައަކަށް ހަދައިގެން ނުވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ޚާއްސަކޮށް އިދިކޮޅުގެ ބޭފުޅުން ޒަކާތުގެ ވާހަކަ ދައްކަވާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަވަންވާނެ، މި ދެއްކެނީ ސިޔާސީ ވާހަކައެއް ނޫންކަން، މި ދެއްކެނީ އަޅުގަނޑުމެން ޕާޓީގެ ވާދައިގައި އެކަކު އަނެކަކާ ތަރާދު ކިޔަން ދައްކާ މަޖާ ވާހަކައެއް ނޫން.
ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެއްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ދީނީ ވާހަކައެއް ދެކެވޭއިރު އެކަން ވިސްނައިގެން ވާހަކަ ދައްކަން ޖެހޭކަމަށެވެ. ބިލުގެ ބޭނުމަކީވެސް އިސްލާމީ ޝިއާރަކަށް ޤާނޫނީ އޮނިގަނޑެއް ދިނުންކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ޒަކާތާ ގުޅޭ ގިނަ ކަންކަމާމެދު އިލްމީ ގޮތެއްގައި ބަހުސް ކުރެވެން އެބައޮތް ކަމަށެވެ.
ކަން އެހެން އޮތްއިރު، މުތުލަޤަށް މި ބިލުގައި ހިމެނޭ ކަންކަން ނަފީކޮށް، ފުރައްސާރަ ކުރުމަކީ އިސްލާމީ ޝިއާރަކަށް ފުރައްސާރަ ކުރުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު، މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށްގެން މާ ބޮޑަށް ޚަރަދު ކުޑަކުރެވިދާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި އިދިކޮޅު މެމްބަރުންނަށް އެ ވާހަކަ އެގޮތަށް ދައްކަން ކެރިވަޑައިނުގަންނަވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ހަގީގަތުގައި މިއީ ވަރަށް ލާދީނީ ވާހަކަތަކެއް، އަޅުގަނޑުމެން އެބަޖެހޭ ޤާނޫނެއް ފާސްކޮށްގެންވެސް އެމްޑީޕީގައި ދީނީ އިލްމުވެރިންގެ ކައުންސިލެއް ބާއްވަން
މެމްބަރު ވިދާޅުވީ، ރާއްޖެއަކީ މުސްލިމު ދައުލަތެއް އޮތް ޤައުމެއް ކަމަށާއި، ދީނީ ރުކުނެއްގެ ކަންކަން ހަރުދަނާކޮށް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ މިއަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުތަކުން އެކަންކަން ނުކޮށްދީ އޮތުމަކީ ރައްޔިތުންނަށް ވެފައިވާ އިހުމާލެއްކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
މެމްބަރު ވަނީ މި ޤާނޫނުގެ ސަބަބުން ހަރުދަނާ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ވިދާޅުވެފައެވެ.

