ރާއްޖޭގެ މާލީ އަދި އެކައުންޓިންގ ދާއިރާ ވަރުގަދަކުރުމަށްޓަކައި، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންސްޓިޓިއުޓް އޮފް ޗާޓާރޑު އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)އާއި އެއްބަސްވުމެއްގައި ސޮއިކޮށްްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ، 2025 އޮގަސްޓު 17 ވަނަ ދުވަހުގައެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން، ޕްރޮފެޝަނަލް ކެޕޭސިޓީ ބިނާކުރުމާއި، އެތިކަލް މިންގަނޑުތައް ކުރިއެރުވުމާއި، އެކައުންޓިންގ އަދި އޮޑިޓިންގާއި، ދެ ފަރާތުގެ މެދުގައި އިލްމު ބަދަލުކުރުމަށް މަސައްކަތްކުރާނެއެވެ.
މިކަމާއި ގުޅިގެން ބީއެމްއެލްއިން ފާހަގަކުރިގޮތުގައި، ސީއޭ މޯލްޑިވްސްއާއިއެކު ސޮއިކުރެވުނު މި އެއްބަސްވުމާއިއެކު، ރާއްޖޭގަ މާލީ ސިނާއަކީ ވަރުގަދަ އަދި ދެމެހެއްޓެނިވި މާލީ ދާއިރާއެއް ތަަރައްގީކުރުމަށް އެހީތެރިވެދޭނެކަމެއް ކަމަށެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސް އިން އަބުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލް އިން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފްކުރަމުންނެވެ. އަދި، ބީއެމްއެލްއަކީ، ރާއްޖޭގެ މާލީ ދާއިރާގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރާ ކުންފުންޏަކަށްވެފައި، ސީއޭ މޯލްޑިވްސް ފަދަ، ރާއްޖޭގެ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ އިންސްޓިޓިއުޓުއަކާއިއެކު، ގުޅިގެން މަސައްކަތްކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަަގުފަހިކޮށްދޭނެކަމެއް ކަމަށް ބެލެވެއެވެ.

