މާލެ ސަރަހައްދަށް އިތުރުވާ އާބާދީއާއި އެކު، ފެނުގެ ހިދުމަތް ލިބިގެންދާކަން ޔަގީން ކުރުމަށް ގިނަ މަސައްކަތް ކުރަންޖެހޭކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އަލަށް ބިނާކުރި 10،000 ޓަނުގެ ފެން ޓޭންކު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މަތީން ވިދާޅުވީ، މި މަސައްކަތްތައް ފުރިހަމަކުރީ އެމްޑަބްލިއުއެސްސީގެ މުއައްޒަފުންކަމަށެވެ. އެހެންކަމުން ސައްތައިން ސައްތަ އެ ކުންފުނީގެ މުއައްޒަފުން ކޮށްފައިވާ މަސައްކަތްތަކެއް ރާއްޖޭގެ ރައްޔިތުންނަށް ފެނިގެންދިއުމަކީ މަސައްކަތްތެރިކަމުގެ ދާއިރާގައި މިފަދަ ކުންފުނިތައް ކުރިއަށް ގޮސްފައިވާ މިންވަރު ދައްކައިދޭ ކަމެއް ކަމަށެވެ.
އެމްޑީ ވިދާޅުވީ، މި ޓޭންކަކީ ރާއްޖޭގައި މިހާތަނަށް ބިނާކުރެވިފައިވާ އެންމެ ބޮޑު ފެން ތާނގިކަމަށާއި 10،000 ޓަނުގެ ފެން ރައްކައުކުރުމުގެ ގާބިލުކަން ހުރިކަމަށެވެ. އަދި މާލެ ސަރަހައްދުގައި އާބާދީ އިތުރުވެގެންދާ މިންވަރާއިއެކު ފެނުގެ ހިދުމަތް ލިބިގެންދާކަން ޔަގީންކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށާއި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިއަށް ބަލާއިރު ފަށަން ޖެހިފައިވާ މިފަދަ ގިނަ މަސައްކަތްތަކަށް މަޑުޖެހުން އައިސްފައިވާކަން ފެނިގެންދާކަމަށެވެ.
ނަމަވެސް މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ކަށަވަރުކުރަން އިތުރުކުރުމަށް ސަރުކާރުން އިސްކަން ދޭކަން ހާމަވެގެންދާ އެއްކަމަކީ ރިޔާސީ ބަޔާން ދެއްވިއިރު އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ފެން ރައްކައުރުމާއި އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ރައީސް ލަނޑުދަނޑިތަކެއް ކަނޑައަޅުއްވާފައިވުންކަމަށެވެ.
އެހެންކަމުން ރަސްމީކޮށް ތާނގި ބޭނުންކުރަން ފަށާއިރު މިއީ އެމަނިކުފާނު ކަނޑައެޅުއްވި ލަނޑުދަނޑިއާއި ހިސާބަށް ވާސިލުވުމުގައި ހޯދިފައިވާ ބޮޑު ކާމިޔާބެއްކަން ފާހަގަކުރައްވާކަމަށެވެ. އެމްޑީ ވިދާޅުވީ، ކުރިއަށް ފިޔަވަޅެއް އެޅިފައިވާނަމަވެސް އިންފްރާސްޓްރަކްޗާއާއި ހިދުމަތުގެ ރަނގަޅުކުރުމުގައިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް ހުރިކަމަށެވެ. މިވަގުތަށް ބަލާއިރު މާލެއާއި ހުޅުމާލޭގައިވެސް ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވެނީ ޓީމުތަކުން ހޭލާ ތިބެގެން މަސައްކަތްތައް ކުރަމުންދިއުމުންކަމަށެވެ. މިގޮތުން ބަލާއިރު އިންފްރާސްޓްރަކްޗާ ހުރީ ކިރިޔާ ހިދުމަތްތައް ފޯރުކޮށްދެވޭ މިންވަރުގައިކަމަށް ފާހަގަކުރެއްވިއެވެ.

