މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއްގެ އަމަލީ މަސައްކަތް ނިންމައި، ތާނގީ ބޭނުންކުރަން ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބޭނުން ކުރަން ފެށުން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައިއެމްޑަބްލިޔުއެސްސީގެ ޗެއަރ ޕާސަންއާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، ސީނިއަރ މެނޭޖްމަންޓް އާއި މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.
އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ މަސައްކަތްތެރިކަމުގެ ތެރެއިން ޤާއިމުކުރެވުނު 10،000 ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ރާއްޖޭގައި ބެހެއްޓުނު އެންމެ ބޮޑު ފެން ތާނގީއެވެ. 24 މީޓަރު އުސް މި ތާނގީގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ.
މި ތާނގީ ބޭނުން ކުރަން ފެށުމާއިއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22,600 ޓަނަށް ވަނީ އިތުރުވެފައެވެ.
އެމްޑަބްލިއުއެސީން ފާހަގަކުރި ގޮތުގައި މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 އިންސައްތައިގެ ކުރިއެރުމެކެވެ. މި ތާނގީ ބޭނުންކުރަން ފެށުމާއިއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކާ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް ވަނީ އިތުރުވެފައެވެ. ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ 2025 ވަނައަހަރުގެ ފެބްރުއަރީމަހުގައި ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.

