މީޑިއާ ކޮމިޝަން ބިލުގައި މަސައްކަތްކުރާނީ އެންމެންނަށް އެއްބަސްވެވޭ ހައްލަކަށް އައުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މީޑިއާތައް ރެގިއުލޭޓް ކުރުމަށް ހުށައަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މިއީ ކުރިންވެސް ހުށައެޅުއްވުމަށްފަހު އަނބުރާ ގެންގޮސްފައިވާ ބިލެއްކަމަށެވެ. އެހެންކަމުން އޭނާ ވާނީ މި ބިލުގެ ދިރާސާ ހެދުމުގައި ހަރަކާތްތެރިވެވަޑައިގެންފައިކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ މި ބިލު އޮތީ ވަރަށް ގިނަ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށްކަމަށެވެ.
އީޔޫގެ ހުރިހާ ޑައިރެކްޓިވްތަކާއިވެސް އެއްގޮތްވާކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކޮމިޓީ މަރުހަލާގައި މީޑިއާތަކާއި ބައްދަލުކޮށް، މީޑިއާގެ ކަންބޮޑުވުންތަކެއް އޮތްކަމަށްވާނަމަ، އެ ކަންބޮޑުވުންތައް ބަލައިގަންނާނެކަމަށެވެ. އެންމެންނަށް އެއްބަސްވެވޭ ހައްލަކަށް އައުމަށްޓަކައި މަސައްކަތްކުރާނެކަމަށް ނާޒިމް ވިދާޅުވިއެެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ އަމިއްލަ މެންބަރަކު ހުށައެޅުއްވި ބިލަކަށްވާތީ، އެ ފުރުސަތު ވަރަށް ތަނަވަސްކޮށް އެބަ އޮތް، މިހާރުގެ ހާލަތަށް ބަލާލާއިރު، އަޅުގަނޑުމެންނަށް މި ފެންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތި، އެއްވެސް ހިފެހެއްޓުމެއް ނެތި، އެއްވެސް އިމެއް ނެތި މީހުންގެ އަނބުރަށް އަރައިގަންނަ ތަން.
ނާޒިމް ވިދާޅުވިއެެވެ.
ނާޒިމް ވިދާޅުވީ މިހާރު ފެންނަނީ އެއްވެސް އިމެއް ނެތި މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރުކަމަށެވެ. ގައުމުގެ މަސްލަހަތަށް އަސަރުކުރާ ގޮތަށްވެސް މީޑީއާތަކުން އަމަލުކުރާކަމަށާއި، އެހެންކަމުން މިއަށްވުރެ ރަނގަޅު ގޮތެއް ހޯދަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ބިލާއި ގުޅޭ ގޮތުންވެސް މީޑިއާތަކުގައި ދައުރުކުރަނީ ދޮގު ވާހަކަތައްކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މާއްދާތައް ތަފްސީލު ކޮށްދެއްވާފައިވަނީ ހަގީގަތާއި އޮޅޭ ގޮތެއްކަމަށެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މި ބިލު ފަރުމާކޮށްފައިވަނީ ހުރިހާ ބާރެއް ސަރުކާރަށް އޮންނާނެހެން ނަމަވެސް އެއީ ހަގީގަތް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. މީޑިއާތަކަށްވެސް އެ ފުރުސަތު އޮންނާނެކަމަށް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ މިހާރު މީޑިއާތަކަށް ފައިދާ ދިނުމުން ވިކޭކަމަށެވެ. މީޑިއާތައް ހިންގަނީ މަހުޖަނުން ބޭނުންވާ ގޮތަށްކަމަށް ވިދާޅުވިއެވެ.

