ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީއަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު އަނެއްކާވެސް އައްޔަނުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެ ކޮމިޓީތަކަށް އަޒާން އައްޔަނު ކުރައްވާފައިވާކަން ހާމަ ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވަކިކޮށް އެ ކޮމިޓީތަކުގައި ސަރުކާރުގެ މައި ޕާޓީ ތަމްސީލު ކުރާނެ އެހެން މެމްބަރުން އައްޔަނު ކުރީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. އެގޮތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އަޒާން އެ ކޮމިޓީތަކުން ދުރުކޮށްފައި މި ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި ގާނޫނު ބަދަލުކުރުމާ ދެކޮޅު ހައްދަވައި އެ ބިލާ ގުޅިގެން ޕީޖީން ނެރުނު ވިޕްލައިންއާ ހިލާވެފައި ވަނިކޮށެވެ.
އޭރު މި މައްސަލަ ގޯސްވެ، ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕުން ވެސް ވަނީ އަޒާން ބޭރުކޮށްލާފަ އެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ޕީއެންސީގެ ޕާލިމެންޓްރީގެ ގުރޫޕުން ފަހުން އައްޔަނުކޮށްފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނެވެ. އަދި 241 ކޮމިޓީއަށް އައްޔަނު ކުރީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލެވެ.

