ޑިމޮކްރަސީގެ މައިގަނޑު ތަނބެއްގެ ގޮތުގައި ބެލެވޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ޤައުމެއްގެ ހަމަޖެހުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންވާ އަސާސެކެވެ. މި މިނިވަންކަމުގެ ތެރެއިން، ޚާއްޞަކޮށް ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަކީ، ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ސަރުކާރާއި މުޖުތަމަޢުގެ ކަންކަން ހަމަމަގުން ކުރިއަށްދާކަން ކަށަވަރުކުރުމަށް ނުހަނު މުހިންމު ކަމެކެވެ. އެހެންނަމަވެސް، މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށްދޭން ޖެހޭއިރު، އެއާއެކު ޞައްޙަ ޚަބަރު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ، ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރުތައް ފެތުރުން ހުއްޓުވުމަކީވެސް އިސްކަންދޭންޖެހޭ ކަމެކެވެ.
ކުރީގެ ވެރިކަންތަކަށް ނަޒަރު ހިންގާލާއިރު، ރާއްޖޭގެ ނޫސްވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން ދިވެހި މުޖުތަމަޢަށް ގިނަގުނަ ފިލާވަޅުތަކެއް ލިބިފައިވެއެވެ. ކުރީގެ ރައީސް އަބްދުދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ މިނިވަން މީޑިއާތަކަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. މިގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތައް ކަވަރުކުރުމަށް ޙަރަކާތްތެރިވި ނޫސްވެރިންނަށް ހަމަލާދީ، ނޫސްވެރިކަން ކުރުމަށް ފުލުހުން ހުރަސްއެޅިއެވެ. ނޫސްވެރިންނަށް ހަމަލާދީ، އެމީހުންގެ އާލާތްތަކަށް ގެއްލުންދީ، ހައްޔަރުކުރުންފަދަ ކަންކަން ހިނގާފައިވެއެވެ. މިފަދަ ހާދިސާތަކުން ހާމަކޮށްދެނީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުމުން ޤައުމަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ޙަޤީޤަތަކީ މިއަދު އެ ޙާލަތު ވަނީ ބަދަލުވެފައިކަމެވެ. އަދި އެ ދުވަސްތަކާ އަޅާބަލާއިރު ނޫސްވެރިކަމުގެ މިންގަނޑުގައިވެސް ރާއްޖޭގެ ދަރަޖަ ކުރިއަރާފައިވެއެވެ. މިއަދު ދިވެހި ނޫސްވެރިކަމުގައި ހޯދިފައިވާ ތަޖުރިބާތަކުގެ އަލީގައި ނޫސްވެރިކަމުގެ ކުރިމަގު އިތުރަށް އުޖާލާކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި، ނޫސްވެރިކަމުގެ ފަންނުވެރިކަން ކުރިއެރުވުމާއި، ޒިންމާދާރުކަން އިތުރުކުރުން ހިމެނެއެވެ.
މިހާރުގެ ޙާލަތަށް ބަލާއިރު، މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހެޅިފައެވެ. ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މި ބިލާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީ އަދި އިދިކޮޅު މެންބަރުންވެސް ވަނީ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބިލުގައި މުހިންމު މާއްދާތަކެއް ހިމެނިފައިވާއިރު، ކަމާ ގުޅުންހުރި އިދާރާތަކާއި، ނޫސްވެރިންނާއި މީޑިއާތަކުގެ ލަފާ ހޯދައިގެން އިތުރަށް ހަރުދަނާކުރެވިދާނެ ބައިތައްވެސް ހުރިކަމަށް ފާހަގަކުރެވެއެވެ. ރެގިއުލޭޓްކުރުމަކީ އަސްލު މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން ކުރަންވާނީ މީޑިއާތަކަށް ލިބިދޭ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތަކަށެވެ. މުހިންމު ކަމަކީ، މިނިވަންކަމާއި ޒިންމާދާރުކަން ހަމަހަމަ ގޮތެއްގައި ދެމެހެއްޓުމެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ކަންކަން ހިނގާގޮތަށް ބަލާއިރު، އިނގިރޭސިވިލާތުގައި އޮފްކޮމް (އޮފީސް އޮފް ކޮމިއުނިކޭޝަންސް) އިން ބްރޯޑްކާސްޓް މީޑިއާތަކުގެ ކަންކަން ރެގިއުލޭޓްކުރާއިރު، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފުވާނަމަ ހަރުކަށި ފިޔަވަޅުތައްވެސް އަޅައެވެ. ނަމަވެސް ޕްރިންޓް މީޑިއާތަކުގައި ގިނައިން ބޭނުންކުރަނީ އަމިއްލަ ރެގިއުލޭޝަނެވެ. މި ޙާލަތުގައިވެސް އަބުރާބެހުމުގެ ދަޢުވާ ފަދަ މައްސަލަތަކުގައި ޒިންމާ އުފުލަން ޖެހެއެވެ. އަވައްޓެރި އިންޑިއާއާއި އެމެރިކާއަށް ބަލާލިނަމަވެސް މިފަދަ ކަންކަން ރެގިއުލޭޓަރީ އޮނިގަނޑުގައި ހިމެނިފައިވެއެވެ. އެގޮތުން އެމެރިކާގައި ނޫސްވެރިކަމުގެ މިނިވަންކަން ދީފައިވީނަމަވެސް، މީހުންގެ އަބުރު ގެއްލޭފަދަ ގޮތަކަށް ޢަމަލުކުރުމާއި، އަމަންއަމާންކަން ގެއްލޭފަދަ ޚަބަރުތައް ފެތުރުމަކީ ފިޔަވަޅު އެޅޭނެ ކަންކަމެވެ. މިފަދަ މިސާލުތަކުން ދައްކުވައިދެނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ބާރެއްގެ ގޮތުގައި ދެމިއޮންނަންޖެހޭއިރު، އެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެއެކު ކަމެވެ.
ނަމަވެސް، ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތްކުރަން ޖެހޭނެއެވެ. އަދި އެކަން ކުރަންވާނީ ނޫސްވެރިންނާއި މީޑިއާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކޮންމެ ރައްޔިތަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުންވެސް ކަށަވަރުކުރެވޭ ގޮތަކަށެވެ. ބިލުގެ މަސައްކަތް ކޮމިޓީ މަރުޙަލާއަށް ދާއިރު، ނޫސްވެރިންނާއި މީޑިއާތަކުގެޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށް ބިލަށް ތާއީދުކުރައްވައި ވާހަކަދެއްކެވި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. މިއީ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކަމަކާ ގުޅިގެން އަމިއްލަ ޚިޔާލާއި ވިސްނުން ހާމަކުރުމަކީ ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެކެވެ. އެހެންނަމަވެސް ފާޅުކުރެވޭ ޚިޔާލުވާންވާނީ އަނެކާގެ ޝަޚްޞިއްޔަތަށް އިޙްތިރާމްކުރެވޭ، އަބުރަށް އުނިކަމެއް ނާންނަ، ތެދު ޙަޤީޤަތާ އެއްގޮތް ޚިޔާލަކަށެވެ. އަދި ދިވެހި މުޖުތަމަޢުގެ އިޖްތިމާޢީ އަދި ދީނީ އަސާސްތަކާ ފުށުނާރާ ގޮތަކަށެވެ. މި ކަންކަން ކަށަވަރުކުރުމާ ގުޅޭ މުހިންމު މާއްދާތަކެއްވެސް މި ބިލުގައި ހިމެނިފައިވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ރެގިއުލޭޝަންގެ މެދުގައި ހަމަހަމަ ބެލެންސެއް ހޯދުމަކީ، ދިވެހި މުޖުތަމަޢުގެ ކުރިމަގަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް މިނިވަންކަމާއެކު ކުރުމުގެ ފުރުޞަތު ލިބޭއިރު، އެއާއެކު ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރުމަށްވެސް ބާރުއެޅިގެންދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ލިބޭނީ އިތުބާރުހުރި، ޞައްޙަ މަޢުލޫމާތެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، އެކަށީގެންވާ ރެގިއުލޭޝަނެއް ގާއިމުކުރުމަކީ ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކަމުގައި ސަރުކާރާއި، ނޫސްވެރިންނާއި، މަދަނީ މުޖުތަމަޢުގެ ދައުރު ވަރަށް މުހިންމެވެ. އެހެންކަމުން، މި ހުރިހާ ފަރާތްތަކެއްގެ މެދުގައި ދެމެހެއްޓެނިވި މަޝްވަރާއާއި ޚިޔާލު ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އަޅުގަނޑުގެ ހިޔާލުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ރެގިއުލޭޝަންގެ މެދުގައި ހަމަހަމަ ބެލެންސެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، މިއީ ދިވެހި މުޖުތަމަޢުގެ ކުރިމަގަށްޓަކައި މިއަދު ކޮންމެހެން ކުރަންޖެހޭ މަސައްކަތެކެވެ. މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން މެނުވީ، އެދެވޭ ނަތީޖާއެއް ނުނެރެވޭނެއެވެ. އެހެންކަމުން، މި މުހިންމު މަސައްކަތުގައި ހުރިހާ ފަރާތްތަކުންވެސް ޤައުމީ މަޞްލަޙަތު އިސްކޮށް، އެއް އަމާޒަކަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

