މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތަކުގެ މަގުސަދަކީ މިނިވަންކަން ގެއްލުވާލައި ބާރުތައް ނިގުޅައިގަތުން ނޫންކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މީޑިއާ ރެގިއުޅޭޓްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މެމްބަރު އިބްރާހިމް ވިދާޅުވީ، މި ސަރުކާރުން މީޑިއާތަކުގެ ހައްގުތައް ހިމާޔަތްކޮށްދޭނެކަމަށެވެ. މެމްބަރު ވިދާޅުވީ، މީޑިއާ ރެގިއުލޭޓްކުރެވެންޖެހޭކަމަށާއި އެއީ ރާއްޖޭގެ ރައްޔިތުންނަށް މުހިންމު ވަސީލަތެއްކަމަށެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މީޑިއާ އޮންނައިރު އުސޫލެއް ހުންނަންޖެހޭނެކަމަށެވެ.
މެމްބަރު ވިދާޅުވީ، މިހާރު ކުޑަކުދިންނާއި ބެހޭ މަންޒަރު ފެނިގެންދާކަމަށާއި އެކުދިންނާއި ގުޅުވައި ދޮގު ވާހަކަތައް ދެއްކުން ފަދަ މަސައްކަތްތައްވެސް ކުރާ މަންޒަރު ފެނިގެންދާކަމަށެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކާއި ގުޅޭގޮތުންވެސް ވާހަކަތައް ދެކެވޭއިރު ރައްޔިތުންގެ ހައްގުތަކަށް އައިގަންނަ މަންޒަރުވެސް ފެންނަކަމަށެވެ. އެހެންކަމުން މީޑިއާއަށް ވިޔަސް އެ މައްސަލަތައް ބެލެންޖެހޭނެކަމަށެވެ.
މެމްބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިޔަސް ފަނޑިޔާރުގެއަށް ވިޔަސް މަޖިލީހުގެ ރައީސް ނަމަވެސް މައްސަލައެއް އޮތްނަމަ ބެލެންޖެހޭނެކަމަށެވެ. މީޑިއާއަކީ މަތިން ފައިބާފައި ތިބި ބައެއްތޯ ސުވާލުކުރެއްވިއެވެ. އިބްރާހިމް ވިދާޅުވީ، މީޑިއާގެ މައްސަލަތައްވެސް ބެލެންޖެހޭނެކަމަށާއި ޖަވާބުދާރީވާންޖެހޭނެއިރު ރެގިއުލޭޓްކުރެވެންޖެހޭނެކަމަށެވެ.
މި ވާހަކަތައް ހިއްސާކުރެއްވީ މީޑިއާގެ ބޭފުޅުން މަޖިލީހުގައި ހާޒިރުވެ ތިއްބެވި ވަގުތެއްގައިކަންވެސް މެމްބަރު އިޝާރާތްކުރެއްވިއެވެ. އަދި އެކަމަށް ބިރު ނުގަންނަކަމަށާއި މަޖިލީހުން އެއްވެސް ބަޔަކާއިމެދު ޖެހިލުންވުން ނެތްކަމަށް ފާހަގަކުރެއްވއިެވެ. މެމްބަރު ވިދާޅުވީ، ހަގީގަތަށް ވާހަކަދެކެވެންޖެހޭކަމަށާއި މީޑިއާ އޮންނަންޖެހޭ ޖަވާބުދާރީވާ ގޮތަށްކަމަށެވެ.
މެމްބަރު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މީޑިއާ ޖަވާބުދާރީވާކަމަށާއި ރާއްޖޭގައި ނޫނީ އެހެން ހުރިހާ ތަނެއްގައި އެގޮތުގެ މަތިން ކަންކަން އިންތިޒާމުކުރެވިފައިވާކަމަށެވެ. އިބްރާހިމް ވިދާޅުވީ، މަޖިލީހުން މަސައްކަތްކުރަމުންދަނީ މީޑިއާގެ މިނިވަންކަން ނިގުޅައިގަންނަން ނޫނީ ބާރުތައް ނިގުޅައިގަންނަން ނޫންކަމަށެވެ. އަދި މީޑިއާތަކަށް ފުރިހަމައަށް ބާރުތައް ދިނުމަށް ޕީއެންސީން އެދޭކަމަށާއި ހައްގުތައްވެސް އޮންނަންޖެހޭނެއިރު އެއީ ރައްޔިތުންނަށް އިހުތިރާމްކުރާ ބަޔަކަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ވާހަކަތައް މީޑިއާގައި ދައްކަންޖެހޭނީ ހަގީގަތާއި އެއްގޮތަށްކަމަށްވެސް ވިދާޅުވިއެވެ. ލިޔަންވީ ތެދު މައުލޫމާތުކަމަށާއި ދޮގުތަކެއް ފަތުރައިގެން ނުވާނެކަމަށެވެ. މެމްބަރު ވިދާޅުވީ، ފަނޑިޔާރުގެއަކުން ނުނިންމާ ހިނދު މީހެއްގެ އަބު ކަތިލެވިގެންދާ ގޮތަށް މައުލޫމާތު ނުފެތުރޭނެކަމަށާއި މިގޮތަށް ހުރިހާ މީޑިއާތަކުން އަމަލުނުކުރާކަމަށެވެ.

