ބޭންކް އޮފް މޯލްޑިވްސްއިން އއ. އުކުޅަހުގައި ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މިއީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.
ބްރާންޗާއި އޭޓީއެމް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ކެބިނެޓް މިނިސްޓަރުންނާއި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު، ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އަދި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އުކުޅަހަކީ ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު އަދިހަމައެހެންމެ އަރިއަތޮޅު އުތުރުބުރީގެ މުހިންމު އިގްތިސާދީ މަރުކަޒެއްވެސްމެއެވެ. އުކުޅަހުގައި ގާއިމްކުރި އައު ބްރާންޗްގެ ޚިދުމަތް ދެމުން ގެންދާނީ ބޭންކުގެ ”އިސްލާމިކް ފައިނޭންސް ފަސްޓް“ ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެންނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމްގެ މުހިންމު މަރުކަޒެއް ކަމުގައިވާ އުކުޅަހުގެ މުޖުތަމައަށް ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މީގެ އިތުރުން، އަލަށް ގާއިމްކުރެވުނު ބްރާންޗާއި އޭޓީއެމްގެ ޒަރީއާއިން އުކުޅަހާއި ކައިރި ރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ތަރައްގީއަށް އެހީތެރިވެ، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މާލީ ހައްލުތައް ފަސޭހަކަމާއެކު ލިބިގެންދާނެކަންވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 202 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

