ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢުކަމުގައިވާ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ވެރިރަށް މާލޭގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސައިޓް އީ އަދި ސީ ހިއްކުމުގެ މަސައްކަތް ވަނީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2 އޮގަސްޓް 2025 ގައެވެ. މި ސަރަހައްދަކީ 265 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މިހާރު ވަނީ ސައިޓަށް މޮބިލައިޒްވެ، ބިން ހިއްކުމަށް ބޭނުންވާ ބަންޑް ޖެހުމުގެ މަސައްކަތްތައް ފެށިފައެވެ.
މި މަޝްރޫޢުގައި ބިން ހިއްކުމަށް ބޭނުންކުރަނީ ޔޭންޖް ޖުން އެކް ނަމަކަށް ކިޔާ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ. މިއީ 21,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި، ކުރިން ބޭނުންކުރެވުނު ވަސީލަތްތަކަށްވުރެ ދެގުނަ ބޮޑު ޑްރެޖަރެކެވެ. މި ޒަމާނީ ވަސީލަތް ބޭނުންކުރުމުން މަސައްކަތް އަވަސްވެ، ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.
މުޅި މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1009 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކިފައިވަނީ 129.60 ހެކްޓަރެވެ. މިއީ މުޅި މަޝްރޫޢުގެ 12.84 އިންސައްތައެވެ. ސައިޓު ޖޭގެ ގޮތުގައި ކަނޑައެޅިފައިވާ 29 ހެކްޓަރުގެ ސަރަހައްދުގެ މަސައްކަތް ވަނީ 100 އިންސައްތަ ނިމިފައެވެ.
މި މަޝްރޫޢުގައި ތިމާވެށި ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވެއެވެ. މިގޮތުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން 21,641 މުރަކަ ވަނީ ރައްކާތެރިކަމާއެކު ނަގައި، ކ. ބެންހާފަރު، ކ. މަނިޔަފުށި އަދި އެހެނިހެން ރިސޯޓުތަކުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމްތަކަށް ބަދަލުކުރެވިފައެވެ.
ސައިޓު އެލް، ޖީ، އެފް އަދި ޑީގެ ގޮތުގައި ކަނޑައެޅިފައިވާ 394 ހެކްޓަރުގެ ސަރަހައްދުގެ މަސައްކަތް ވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައެވެ. މި ސަރަހައްދުގެ 25.53 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޑްރެޖަރުގެ މެއިންޓެނެންސްގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ މަސައްކަތްތައް އަލުން ފެށިގެންދާނެއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫޢަކީ ރާއްޖޭގެ ވެރިރަށް މާލޭގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. ޒަމާނީ ވަސީލަތްތަކާއި ފަންނީ ޤާބިލުކަން ބޭނުންކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ ސަބަބުން މާލޭގެ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަން ކަށަވަރެވެ.

