ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީ މަރުހަލާގައި މީޑިއާ ރެގިއުލޭޝަން ބިލާއި ގުޅޭގޮތުން ނޫސްވެރިންނަށް ހިޔާލު ހުށައެޅޭނެ: އައިބީ

މެމްބަރު އިބްރާހިމް ދީދި: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޓީ މަރުހަލާގައި މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ..

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މީޑިއާ ރެގިއުލޭޓްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، މަޖިލީހަށް މިކަމުގައި ހުށައެޅިފައިވާ ބިލަކީ ހަމައެކަނި މީޑިއާތައް ޖަވާބުދާރީކުރުމުގެ މަގުސަދުގައި ހުށައެޅިފައިވާ ބިލެއް ނޫންކަމަށެވެ. އެ ބިލު ހުށައެޅުމުގެ މަގުސަދުތަކުގެ ތެރޭގައި މީޑިއާތައް ބާރުވެރިކުރުމާއި ނޫސްވެރިންގެ ތަމްރީނުގެ މަސައްކަތްތަކުގެ އިތުރުން ދައުލަތުގެ ބަޖެޓުން ލިބިގެންދާ މާލީ އެހީތެރިކަމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިގެންދާކަން ކަށަވަރުކުރުންވެސް ހިމެނޭކަމަށެވެ.

މަޖިލީހަށް ބިލެއް ހުށައެޅުމުން ނޫސްވެރިން އެ ބިލު ދިރާސާކުރުމަށްފަހު ހައްލުކުރަންޖެހޭ ތަންކޮޅެއް ފެނުމުން އެކަމުގައި މަޝްވަރާތައްކޮށްގެން އިސްލާހުކުރުމަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު އޮތްކަމަށް އިޝާރާތްކުރެއްވިއެވެ. ނަމަވެސް އެ ބިލާއި ގުޅޭގޮތުން މަޝްވަރާކުރަން ބޭނުން ނޫންކަމަށް ނޫނީ މަޖިލީހަށް ދާންށާއި ކޮމިޓީގައި ކަންކަން ހިއްސާކުރުމަށް ނޭދޭކަމަށް ބުނެ ބިލު ބޭރުކުރުމަށް ގޮވާލުމަކީ އެދެވޭ އަމަލެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، މަޖިލީހަކީ ރައްޔިތުންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގޮތުން ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަަތްތައް ކުރާ ވުޒާރާކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުން ޖަލްސާކުރަމުންދާއިރު ނޫސްވެރިން އެތަނުގެ ގެލަރީއަށްވަދެ އަނގަމަތީގައި ޓޭޕު އަޅައިގެން ބޯޑުތަކެއް ހިފައިގެން ތިބުމަކީ މެމްބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ހިންގި އަމަލެއްކަމަށް ބެލުމުގެ ފުރުސަތު އޮތްކަމާއިމެދު ސުވާލު އުފެއްދެވިއެވެ.

އިބްރާހިމް ވިދާޅުވީ، މެމްބަރުންގެ ފަރާތުން ނޫސްވެރިންގެ ވާހަކަތަކެއް އިވިގެންދާ ހާލަތުގައި އެކަމަކީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރާކަމަށެވެ. ނަމަވެސް ނޫސްވެރިން ގޮސް މަޖިލީހުގެ ގެލަރީއަށްވަދެ އަނގައިގައި ޓޭޕު އަޅައިގެން ތިބުން އެކަމަކީ މައްސަލައަކަށް ވެގެން ނުދާކަމަށެވެ.

މެމްބަރު ވިދާޅުވީ، އެ ދުވަހު ފެނިގެންދިޔައީ އިހުތިޖާޖެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ. އަދި މަޖިލީހުން އަރައިގަނެފައިވަނީ ނޫސްވެރިންގެ ކޮން ހައްގަކަށްތޯވެސް ސުވާލުކުރެއްވިއެވެ. އިބްރާހިމް ވިދާޅުވީ، އެއްވެސް ހައްގަކަށް އަރައިގަނެފައިނުވާނެކަމަށާއި މެމްބަރުންނާއި އާންމުން ރައްޔިތުންނަކީވެސް ގަވައިދެއް ނޫނީ ގާނޫނެއް މުގުރާލުމުން ޖޫރިމަނާވެގެންދާ ބައެއް ކަމަށެވެ. ކުށެއް ކޮށްފި ހާލަތެއްގައި އެންމެ އާންމު ރައްޔިތު މީހާއިން ފެށިގެން ރައީސުލްޖުމްހޫރިއްޔާއާއި ފަނޑިޔާރުންވެސް ޖޫރިމަނާ ކުރެވޭ ހާލަތްތައް އޮތްކަމަށް އިޝާރާތްކުރެއްވިއެވެ.

އިބްރާހިމް ވިދާޅުވީ، ނޫސްވެރިއެއް ކަމަށް ވީނަމަވެސް ކުށެއް ކޮށްފި ހާލަތެއްގައި އެގޮތުގެ މަތިން އަމަލުކުރެވެންވާނެކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގެ ތެރެއިން ވަކި ބަޔަކަށް ގާނޫނީ އިމުން ބޭރުގައި ހަރަކާތްތެރިވުމަށް ފުރުސަތު ދެވެން ނެތްކަމަށެވެ.

މެމްބަރު ވިދާޅުވީ، ނޫސްވެރިއެއްގެ މައްސަލައެއް ބަލަން ފަށާ ހިސާބުން ނޫހެއް ބަންދުކޮށްފާނެކަމުގެ ކަންބޮޑުވުންތައް އޮތްކަމަށް ބުނި ނަމަވެސް އެފަދަ އަމަލެއް ނުހިންގާނެކަމަށެވެ. އަދި ނޫސްވެރިން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފެނިގެންދާނެކަމަށާއި ދެއްކި ވާހަކައަކީ ހަގީގަތެއް ކަމަށް ވާނަމަ އެކަމެއް ރައްޔިތުން ބަލައިގަންނާނެކަމަށެވެ. އެހެންކަމުން ހަގީގަތުގައި ކަން އޮތް ގޮތަށް ބުނުމުން ފިޔަވަޅު އަޅައިފި ހާލަތެއްގައި މައްސަލަތައް ނުއުފެދި ނުދާނެކަމަށެވެ.

ބިލާއި ގުޅޭގޮތުން ނޫސްވެރިންނާއި މަޝްވަރާ ނުކުރާކަމުގެ ކަންބޮޑުވުން އޮތްކަމަށްވެސް އަލިއެޅުއްވިއެވެ. މެމްބަރު ވިދާޅުވީ، ބިލެއް ހުށައެޅުމުން މަޝްވަރާކުރަނީ ކޮމިޓީ މަރުހަލާގައިކަމަށާއި އެކަމަކާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެ ކޮމިޓީއަކަށް ހާޒިރުވުމަށްޓަކައި ދައުވަތު ދޭނެކަމަށެވެ. އެހެންކަމުން އެ މަރުހަލާގައި ކޮމިޓީއަށް ވަޑައިގެން ހިޔާލު ހުށައަޅައި މަޝްވަރާކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: