ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 11 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ޤާނޫނުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ”މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީސް“ ގެ ނަމުގައި ސަރުކާރު އިދާރާއެއް އުފެދުނީއެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓަވާނީ، އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންކަމުގައި ޤާނުނުގައި ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.

މި ޤާނޫނުގައި ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޢައްޔަނުކޮށް ވަކިކުރާނެ ގޮތާއި، ރަޖިސްޓްރާރގެ ޝަރުޠުތަކާއި، ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އޮފީހުގެ އިދާރީ މުވައްޒަފުންނާއި ގުޅޭ އުސޫލުތައް ތަފްސީލީ ގޮތެއްގައި ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން، ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި، ޤާނޫނުގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުންތަކާއި ގުޅިގެން ޢަމަލުކުރާނެ ގޮތް ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: