2024 ވަނަ އަހަރުގެ ތެރޭގައި 8.5 މިލިއަން ފަހަރުގެ މަތިން ކޭސް ނެގުމުގެ މުއާމަލާތް ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ކުރެވިފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
ރާއްޖޭގައި ކުރެވެމުންދާ މާލީ މަސައްކަތްތަކުގެ މައުލޫމާތު އާންމުކޮށް އެމްއެމްއޭއިން ބުނެފައިވާގޮތުން ކޭޝް ނެގުމުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރެވެމުންދަނީ ތިން ގޮތަކަށް ކަމަަށެވެ. މިގޮތުން އޭޓީއެމް މެދުވެރިކޮށާއި ޕީއޯސް މެޝިނުތަކާއި ބެންކުތަކުގެ ކައުންޓަރުތަކުން ހިދުމަތް ލިބިގަނެގެންވެސް ފައިސާ ނަގާކަމަށް ހިއްސާކުރިއެވެ.
މިގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި އެކި ބޭންކުތައް މެދުވެރިކޮށް އެކި އުސޫލުތަކުން ފައިސާ ނެގުމުގެ ހިދުމަތް ލިބިގަތުމަށްޓަކައި ކޮޮށްފައިވާ މުއާމަލާތްތަކުގެ އަދަދު 8.5 މިލިއަނަށްވުރެ އިތުރުވެގެންދާކަމަށާއި ޖުމުލަ ފައިސާގެ އަދަދު 34.8 ބިލިއަން ރުފިޔާއަށްވުރެ އިތުރުކަމަށް ހިއްސާކޮށްފައިވެއެވެ. މީގެ ތެރެއިން 96 އިންސައްތަ މުއާމަލާތްތައް ކުރެވިފައިވަނީ އޭޓީއެމް މެދުވެރިކޮށް ކަންވެސް ހާމަކޮށްފައިވެއެވެ. ބާކީ މުއާމަލާތްތައް ބެހިފައިވަނީ ޕީއޯއެސް މެދުވެރިކޮށާއި ބެންކުތަކަށް ޒިޔާރަތްކޮށްގެން ލިބިގަތް ހިދުމަތްތަކުގެ މައްޗަށްކަމަށް ބުނެފައިވެއެވެ.
2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ތެރޭގައި މިފަދަ މުއާމަލާތްތައް މެދުވެރިކޮށް ފައިސާ ނަގާފައިވަނީ ދާދި އެއް އަދަދަކަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި 9 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާކަމަށާއި އެހެންކަމުން ކޭޝް ބޭނުން ނުކޮށް މާލީ މުއާމަލާތްތައް ކުރުމާއި ދިމާލަށް ކަސްޓަމަރުން މިސްރާބު ޖަހާފައިވާކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ. ނަމަވެސް ގިނަ އަދަދެއްގެ ކޭޝް ވިތްޑްރޯވަލް މުއާމަލާތްތައް ކުރެވިފައިވުމުން އަދިވެސް ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ނަގުދު ފައިސާގެ ބޭނުންތެރިކަން އޮތް މިންވަރު ފެނިގެންދާކަމަށާއި މި ޓްރެންޑުގެ ފަހަތުގައި އޮތް ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭޓީއެމްގެ ހިދުމަތް ލިބެން ހުރުމާއި އެއްވެސް ހަރަދެއް ނުހިނގާ ގޮތަށް ފައިސާ ނެގެން ހުރުން ހިމެނުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

