ރާއްޖޭގެ މަޖިލީހަށް ހުށައެޅިފައިވާ ޒަކާތާއި ބެހޭ ބިލުގެ ދަށުން ފާސްކުރެވޭ ގާނޫނަކީ އެހެނިހެން ގައުމުތަކުގައި މީގެ ކުރިން އެކުލަވާލާ ފާސްކުރި މިންވަރަށްވުރެ ފުރިހަމަވެގެންދާނެ ގާނޫނެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ރާއްޖޭގެ ޒަކާތު ހައުސް އުފެދުނީއްސުރެ މަސައްކަތްކުރަމުންދަނީ ކާމިޔާބަކަށްފަހު ކާމިޔާބެއް ހާސިލުކުރަމުންކަމަށެވެ. އަދި ކާމިޔާބުގެ ސަފުހާތަކެއް ރާއްޖޭގެ ޒަކާތުގެ ނިޒާމަށް އިތުރުވެގެންދަނީ ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއް މި މަސައްކަތްތަކަށް ދެވިފައި އޮތުމުގެ ސަބަބުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ޒަކާތުގެ ހާއްސަ އިދާރާއެއް އުފައްދަވާ އެ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވަމުންދާ އަހައްމިއްޔަތުކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށެވެ. ވޭތުވެދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެކިއެކި ސަރުކާރުތަކުގެ ދައުރުގައި ޒަކާތުގެ ގާނޫނެއް ވުޖޫދުކުރުމަށްޓަކައި އެކި މިންވަރުތަކަށް މަސައްކަތްކުރެވިފައިވާކަމަށެވެ.
ނަމަވެސް ދިގު މުއްދަތެއް ހިނގިއިރު އެކަން ކާމިޔާބު ނުވެއޮތްކަމަށްވާއިރު ރައީސް ޑރ މުއިއްޒު މިކަމަށް އަހައްމިއްޔަތު ދެއްވައި ރިޔާސީ މެނިފެސްޓޯގެ ތެރެއިން ދާއިރާއަށް ހާއްސަ ޖާގައެއް ކަނޑައެޅުއްވިކަމަށެވެ. އަދި މިހާރު ގާނޫނެއް މަޖިލީހަށް ހުށައެޅިފައިވާއިރު އެކަމަކީ އުފަލާއިއެކު ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އޮކްޓޫބަރު މަހުގެ ތެރޭގައި އެ ގާނޫނު ހަގީގަތަކަށްވެ ރާއްޖޭގެ ޒަކާތު ހައުސް ގާއިމުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ކޮންފަރެންސްގެ ތެރޭގައި އެކަމަށްޓަކައި މަޝްވަރާކޮށްފައިވާކަމަށް އިޝާރާތްކުރެއްވިއެވެ. ޝަހީމް ވިދާޅުވީ، އެ ކޮންފަރެންސްގެ ބައިވެރިން ދެއްވި ލަފާތަކުގެ މަތިން ކުރިއަށް ގެންދިއުމަށް ކަނޑައެޅި ހުރިހާ ކަމެއް ތަންފީޒުވަމުންދާކަމަށެވެ.
އެހެންކަމުން ރާއްޖޭގެ މަޖިލީހަށް ހުށައެޅިފައިވާ ޒަކާތުގެ ބިލު ފަރުމާކުރެވިފައިވަނީ އެންމެ ފަހުގެ އިލްމީ މައުލޫމާތުތަކުގެ މައްޗަށްކަމަށާއި އެހެނިހެން ގައުމުތަކުގައި މީގެ އަހަރުތަކެއް ކުރިން ތައްޔާރުކުރެވި ތަންފީޒުކުރެވެމުންދާ ގާނޫނުތަކަށްވުރެ ރާއްޖޭގެ ޒަކާތުގެ ބިލުގެ ދަށުން ފާސްކުރެވޭ ގާނޫނު ފުރިހަމަވާނެކަމަށެވެ. އޭގެ ސަބަބަކީ އިދާރީ މެނޭޖުމެންޓާއި ޝަރުއީ ހަމަތަކަށް ރިއާޔަތްކޮށް ގާނޫނު ފަރުމާކުރެވިފައިވުންކަމަށާއި އެ ގާނޫނުގެ ތެރެއިން އިންވެސްޓުމެންޓަށްވެސް ފުރުސަތު ދެވިފައިވުންކަމަށް މިނިސްޓަރ ހިއްސާކުރެއްވިއެވެ.

