މީޑިއާތައް ބަންދުކޮށް ބޮޑެތި އަދަބުތައް ދެވޭގޮތަށް ބިލެއް ފާސްކުރުމަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ރައްކާތެރިކަމެއް ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށާއި ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމަށް، ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ އުފައްދައި، އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ސަރުކާރުގެ އަޑީގައި އޮވެގެން ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހަށް ވައްދާފައިވާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލް“ އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
”ފެހި ޤާނޫނު އަސާސީގައި މުތުލަޤަށް ލިޔެވި ކަށަވަރުކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމަކީ ދިވެހި ރައްޔިތުން މަގުމަތިން، އިހްތިޖާޖްތަކުގައި، ރަތްދަކަ އަވީގައި، އަގުހުރި ވަގުތާއި، އޮހޮރުނު އެތައް ދަލަކުން ހޯދާފައިވާ ޑިމޮކްރަސީގެ ހަތަރުވަނަ ތަނބު“ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މުދަލާއި ފައިސާއަކީ ރައްޔިތުންގެ ފުރިހަމަ ހައްޤުތަކެވެ. އަދި މީޑިއާގެ އެންމެ މުހިންމު ދައުރަކީ ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދިނުން ކަމަށްވާތީ، ހާމަކުރެވޭ މައުލޫމާތުގެ ސަބަބުން މީޑިއާތައް ބަންދުކޮށް ބޮޑެތި އަދަބުތައް ދެވޭގޮތަށް ބިލެއް ފާސްކުރުމަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމެއް ކަމުގައި އެ ޕާޓީން ދެކެއެވެ.
މީގެއިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މިފަދา ޤާނޫނެއް ވުޖޫދުކުރުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހުންނެވުމަކީ އެ ދާއިރާއިން ވަކިން ޚާއްޞަކޮށް ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރާ މިނިވަން މުސްތަޤިއްލު ބާރެއްގެ ގޮތުގައި މީޑިއާ އަބަދުމެ ދެމިއޮންނަންޖެހޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

