މީޑިއާ ރެގިއުލޭޓް ކުރަން ޖެހޭ ކަމަށާއި، ނަމަވެސް މީޑިއާ ރެގިއުލޭޓް ކުރާ ގޮތް ޑިމޮކްރަޓިކް ހަމަތަކަށްވެސް ފެތެންޖެހޭނެކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޓަރީ ބިލާ ގުޅޭގޮތުން ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ، މި ބިލާއެކު ޑިމޮކްރަސީގެ ހަޔާތުގައި އަނެއްކާވެސް ފަހަތަށް ފިޔަވަޅު އަޅަންޖެހިފައިވާ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރަން ޖެހޭ ކަމަށާއި، ނަމަވެސް މީޑިއާ ރެގިއުލޭޓް ކުރާ ގޮތް ޑިމޮކްރަޓިކް ހަމަތަކަށްވެސް ފެތެންޖެހޭނެކަމަށެވެ. އެއީ އެހެނިހެން ޤައުމުތަކުގައިވެސް އެކަން އޮންނަ ގޮތްކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޑިމޮކްރަސީގެ ހަޔާތުގައި އަނެއްކާވެސް ފަހަތަށް ފިޔަވަޅު އަޅާތަން މި މަޖިލިސް ތެރެއިން ފެންނަމުންދަނީ، އަޅުގަނޑުމެން އެކަމާ ކަންބޮޑުވޭ
ޝަމްހީދު ވިދާޅުވީ، ޑިމޮކްރަޓިކް ހަމަތަކަކީ ބްރޮޑްކާސްޓިންގ މީޑިއާ އަދި ޕްރިންޓް މީޑިއާގެ ރެގިއުލޭޝަނާ ގުޅުންހުރި ކަންކަން ވަކިކުރެވިފައި އޮތުން ކަމަށާއި، މި ބިލާއެކު އެ ދެ ދާއިރާ އެއްވެގެންދާކަމަށެވެ.
މީގެ އިތުރުން، ހަގީގަތުގައި އޮންނަންވާނީ ”ސެލްފް ރެގިއުލޭޓަރީ“ ނިޒާމެއްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މީޑިއާ ކައުންސިލުގެ ޤާނޫނުވެސް އުވާލަން ތާއީދު ކުރައްވާކަމަށެވެ. އަދި ވިދާޅުވީ މިހާރު ހުށަހެޅިފައިވާ ޤާނޫނުގައި ބޮޑެތި ލަފްޒުތައް ހިމެނިފައިވާ ކަމަށާއި، އެ ލަފްޒުތައް މާނަ ކުރެވޭނެ ގޮތްތައްވެސް ނެތްކަމަށެވެ. މިސާލަކަށް ޤައުމީ ސަލާމަތުގެ ވާހަކަ ބިލުގައި ހިމެނިފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، މި ބިލުގެ ބޭނުމަކީ މީޑީއާ ކޮންޓްރޯލް ކުރުން ކަމަށާއި، 2025 ވަނަ އަހަރު މިފަދަ ބިލަކަށް ބަހުސް ކުރަންޖެހުމަކީވެސް ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. ޝަމްހީދު ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

